ސަރުކާރުން ރާވާފައި އޮތް ގޮތަށް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަޕޯ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ހިރިމަރަދޫގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

ހަނިމާދޫ ކައުންސިލުން އެ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާކަމަށާއި، އަދި ''އުންސިލުން އެ މަސައްކަތް ހުއްޓުވަން ކިހާވަރަކަށް މަސައްކަތް ކުރިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް އިއްޒަތްތެރި މެމްބަރަށް ކަމަށް'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ ފަހުން ކައުންސިލްގެ އެހީތެރިކަމާ ނުލައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތާއި ޢަމަލީ މަސައްކަތް ފެށުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތަށް ބޭނުންވާ ތަކެތި ވެސް އެ ސަރަހައްދަށް ގެންދެވިފައިވާ ކަމަށާއި، ރާވާފައި އޮތް ގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ހަނިމާދޫގެ ރައްޔިތުންނަށް އަޅާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތަށް މިހާރު ކޮންޓްރެކްޓަރު މޮބިލައިޒް ކުރެވިފައިވާ ކަމަށް ވެސް މުއްޠަލިބު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަން ވެސް މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.