2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވަރަށް އުންމީދީ އަދި ކަންކަން ހާސިލުކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ރިޕޯޓު ނިންމި ގޮތުގެ މައްޗަށް މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސްކުރައްވަމުންނެވެ.

މެންބަރު ހަސަނާ ވިދާޅުވީ، މިއީ ފޮނި އުންމީދުތަކެއް ކުރުވާ އަދި އެކަންކަން ހާސިލުކުރުމުގެ މަގު ތަރުތީބުވެގެންދާ ބަޖެޓެއް ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް ވާހަކަދައްކަނީ ހަގީގަތާ އެއްގޮތަށް ކަމަށާއި ކަންކަމާ ކުރިމަތިލަނީ ނަތީޖާ ނެރެދިނުމުގެ ސާފު ނިޔަތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓުގެ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ޞިއްޙީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް 4.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދުއިސައްތަ ތޭރަ މިލިއަން ރުފިޔާ އަދި 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސަށް އެއްހާސް ހަސަތޭކަ ސާޅީސް ދެ މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވަނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް ހަސަތޭކަ ފަންސާސް ހަތް މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ހަސަނާ ވިދާޅުވިއެވެ. ނިމިދިޔަ ވެރިކަމުގައި މަސްވެރިކަން އޮތީ އަނަރޫފަވެ ހަލާކުވެފައި ކަމަށާއި، ނަމަވެސް މިހާރު ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރާއި އަސާސީ ޚިދުމަތްތަކަށް ހަތްސަތޭކަ ހައްދިހަ މިލިއަން ރުފިޔާ އަދި އިންޑައިރެކްޓް ސަބްސިޑީޒްއަށް ހަތަރު ހާސް ހަސަތޭކަ ނުވަދިހަ ތިން މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނުވަސަތޭކަ ސާޅީސް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އަންނަން އޮތް ޖީލުތަކަށް ލާބަޔާއި މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

މީގެއިތުރުން ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތްކުރުމުގައި ޖަމާއަތުގެ ފައިދާއަށް ދެވޭ ޚިދުމަތްތަކަށް 3.0 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި ހައުސިންގ ސްކީމް ފަންޑަށް ހަތްސަތޭކަ ފަންސާސް މިލިއަން ރުފިޔާ ހިމަނާފައިވާކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު ހަސަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިފާޢީ ކަންކަމާއި ޢަދުލުއިންސާފާއި އަމަންއަމާންކަން ދެމެހެއްޓުމަށް 8.2 ބިލިއަން ރުފިޔާ، އިޖުތިމާޢީ އަދި ދީނީ ޚިދުމަތްތަކަށް 6.7 ބިލިއަން ރުފިޔާ، އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ މި ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ގައުމުގެ އަސާސީ ކުރިއެރުންތައް ފުރިހަމަކޮށްދޭނެ ހަގީގީ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.