މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހދ. އަތޮޅު މެންބަރުކަމަށް ކުރިމަތިލެއްވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދަށް ފިޔަވަޅުއަޅައި ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމުން، އެއީ ''ޕާޓީއަށް އިއްޔެ ފުއްމާލި ބައެއްގެ ދިފާއުގައި'' ޕަޓީން ނަގަހައްޓަމުން އައި އަސާސްތައް މުގުރާލުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ އޭނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިކަމާ ގުޅިގެން ފިރާޤް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 17 ނޮވެމްބަރު 2026 ގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމަކީ ސިޔާސީ ގޮތުން ޒާތީވެގެން، ހަނިމާދޫއާއި ހދ. އަތޮޅުން ވަކި ބަޔަކު ނުހޮވިދާނެތީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެލްޖީއޭ ބޯޑުގެ އިންތިޚާބު ފުރަތަމަ އިއުލާނުކުރި ދުވަހު ވޯޓުލުމަށްފަހު ފުރާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެލްޖީއޭއިން މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރުމުން ރާއްޖެއިން ބޭރަށް ދިއުމަށް ޓިކެޓް ނެގި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލުން އިންތިޚާބު އިއުލާނުކުރުމުން އެ ދަތުރު ފަސްކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށް ވާތީ، ހުރިހާ ލިޔެކިޔުންތަކާއެކު އެކަން ޕާޓީ އޮފީހަށް އެންގި ކަމަށް ފިރާޤް ފާހަގަކުރެއްވިއެވެ.
ފިރާޤް ތުހުމަތު ކުރެއްވި ގޮތުގައި، މި ފިޔަވަޅު އެޅުމުގެ މާ ކުރިންވެސް ބަޔަކު ވަނީ އެކި މީހުންގެ ގާތުގައި އެ ދެ މީހުންނަށް (ފިރާގާއި ހަނިމާދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި ކައުންސިލަރު އަހްމަދު އަނާން) "ހޭއަރުވާލައި، ދުއްވާލާނެ" ކަމަށް ބުނެ އިންޒާރުދީ، އެ ޔަގީންކަން ދީފައެވެ. އަދި މިފަދައިން ކަންތައް ކޮށްފައިވަނީ ފައްޔާޒު (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން) ނުވަތަ "ބޮޑު ބަދަލުން" ބޭނުންވާ މީހުން ނުހޮވިދާނެތީއާއި، އެ ބޭފުޅުން ފައިސަލްއަށް (ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް) ތާއީދުކޮށް ސޯޝަލް މީޑިއާ ހިންގާތީ ކަމަށްވެސް އެ ފަރާތްތަކުން ގާތް ރަހުމަތްތެރިން ކައިރީގައި ބުނެފައިވާކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ފިރާޤް ވިދާޅުވީ "ބޮޑު ބަދަލަކީ" ވަކި ބައެއް ކަމަށާއި، އެއީ އަސްލު އެމްޑީޕީ ނޫންކަން މިއަދު އެ ބަޔަކު އަމިއްލައަށް ހާމަކުރަމުންދާ ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށާއި އާއިލާގެ އެންމެހައި އެމްޑީޕީ މެންބަރުން އެ ބޭފުޅުންގެ ފަޅިއަށް ވޯޓު ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސަޕޯޓަރުންނަށްޓަކައި އެ ބޭފުޅުންގެ ކެންޑިޑޭޓުން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެލްޖީއޭ އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ފިރާޤް ވިދާޅުވީ، އެ އިންތިޚާބު ކާމިޔާބުނުވީ ހަމައެކަނި އެ ދެ މީހުންގެ ވޯޓަކުން ނޫން ކަމަށާއި، އެމްޑީޕީގެ އެތައް ބަޔަކު އެ އިންތިޚާބުގައި ވޯޓު ނުލައި ތިބި ކަމަށެވެ. އެހެންކަމުން އެތައް ވަގުތަކާއި ޚަރަދެއް ކުރި ފަހުން، އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކޮށް އަދި ނަސޭހަތް ދިނުމަކާވެސް ނުލައި އެޅި މި ފިޔަވަޅު ބަލައިނުގަންނަ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ޕާޓީއަށް އެތައް އަހަރަކު ޚިދުމަތްކޮށް، ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސްކަން އެއް ދައުރު ނިންމައި ދެވަނަ ދައުރު ފުރިހަމަކުރަމުންދާއިރު، ''އިއްޔެ ޕާޓީއަށް ފުއްމާލި ބައެއްގެ ދިފާއުގައި'' މިފަދަ ފިޔަވަޅެއް އެޅުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ފިރާޤް ވިދާޅުވިއެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކާއި، ޒުވާނުން ބާރުވެރިކުރުވުމަށާއި، މިނިވަން އިންތިޚާބަކަށް ގޮވާލާ ގޮވާލުމަށް ކުރި ފުރައްސާރައެއްގެ އިތުރުން ޕާޓީގެ ރޫހާ ޚިލާފު ނާތަހުޒީބު އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ މިއަދު ވަކި ބައެއްގެ މަސްލަހަތު އޮތް ޕާޓީއަކަށް ވެފައިވާ ކަމަށާއި، ދިގު މުއްދަތަކަށް ޚިދުމަތްކުރި މެންބަރުން ޕާޓީ ދޫކޮށްދާ ސަބަބަކީ އެއީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!