ހއ. ވަނގާރުގެ ޓޮޕްގްރެފިކް ސާރވޭ ހެދުމާއި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހއ. ތުރާކުނު ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށެވެ.

ތުރާކުނު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރަން ޖެހެއެވެ. އަދި ވިޔަފާރި ނުވަތަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއެކު، 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން projects@thuraakunu.gov.mv އަށް އީމެއިލް ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށް ތުރާކުނު ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެއިތުރުން، ބީލަމުގައި ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، ރަޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ބީލަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ތުރާކުނު ކައުންސިލްގެ އިދާރާގައެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ ޤާނޫނު ނަންބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް info@thuraakunu.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ 6500035 އަދި 6500107 ފޯނު ނަންބަރަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.