ޕައިލެޓަކާ ނުލައި އުދުހޭ ހަނގުރާމަމަތީ ޖެޓެއް އަސްކަރީ ޚިދުމަތަށް ނެރުނު ދުނިޔޭގެ ފުރަތަމަ ގައުމަކަށް ތުރުކީ ވެއްޖެއެވެ.
އެ ގައުމުން ވަނީ ބައިކާރު ކުންފުނިން އުފައްދާފައިވާ "ބައިރަކްތާރު ކިޒިލެލްމާ" މަރުކާގެ ފުރަތަމަ ތިން ޖެޓް އަސްކަރިއްޔާގެ ރަސްމީ ޚިދުމަތަށް ނެރެފައެވެ. މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ކާމިޔާބު ޓެސްޓުތަކަކަށްފަހު، ނޮވެމްބަރު 19، 2026 ގައެވެ.
ތުރުކީގެ ޑިފެންސް އުފެއްދުންތައް ތައްޔާރުކުރާ ބައިކާރު ކުންފުނިން އުފެއްދި ކިޒިލެލްމާ އަކީ، އާދައިގެ ޕްރޮޕެލާ ދުއްވާ ޑްރޯންތަކާ ޚިލާފަށް، ޖެޓް އިންޖީނު އެޅުވި، ރާޑަރުތަކަށް ފަސޭހައިން ފާހަގަނުވާ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މިއީ ވައިގެ ތެރޭގައި އެއް ބޯޓު އަނެއް ބޯޓާ ހަނގުރާމަކުރުމަށާއި، އަމާޒުތަކަށް ހަމަލާދިނުމުގެ އިތުރުން ކުރު ރަންވޭ އޮންނަ މަނަވަރުތަކުގައި އޮޕަރޭޓްކުރެވޭ ގޮތަށް އުފައްދާފައިވާ ޖެޓެކެވެ.
މި ޖެޓުގެ ދިގުމިނުގައި 14.5 މީޓަރު، ފިޔަގަނޑުގައި 10 މީޓަރު އަދި އުސްމިނުގައި 3.5 މީޓަރު ހުރެއެވެ. އެންމެ ބޮޑުވެގެން 8،500 ކިލޯގްރާމްގެ ބަރުދަނާއެކު އުދުއްސައިގަނެވޭ މި ބޯޓަށް ގާތްގަނޑަކަށް 1،500 ކިލޯގްރާމްގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވެއެވެ. އަދި ގަޑިއަކު މެކް 0.9 ގެ އެންމެ މަތީ ދުވެލީގައި އުދުހޭ މި ޖެޓުގެ ކްރޫޒް ސްޕީޑަކީ މެކް 0.6 އެވެ. މީގެ އިތުރުން 926 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ހަރަކާތްތެރިވުމުގެ ކުޅަދާނަކަން މި ޖެޓަށް ލިބިފައިވެއެވެ.
ރާޑަރަށް ނާރާ ގޮތަށް ބޭރުފުށުގެ ބައްޓަން ހަދައި، ހަތިޔާރުތައް ބޯޓުގެ އެތެރޭގައި ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޖެޓުގައި އަސެލްސާން މުރާދު އޭއީއެސްއޭ ރާޑަރާއި، ޓޮއިގުން އިލެކްޓްރޯ-އޮޕްޓިކަލް ޓާގެޓިން ސިސްޓަމް ހިމެނެއެވެ. މީގެ އިތުރުން ހަތިޔާރުގެ ގޮތުގައި ގޯކްދޮގާން އަދި ބޮޒްދޮގާން ވައިގެ ތެރެއިން ވައިގެ ތެރެއަށް ފޮނުވާ މިސައިލާއި، ޖެޓް-230 ސުޕަސޮނިކް މިސައިލްގެ އިތުރުން ޓޮލުން އަދި ތެބެރް-82 ގައިޑެޑް މުނިޝަންސް ބޭނުންކުރެވެއެވެ.
ޑިސެމްބަރު 2022 ގައި ފުރަތަމަ ފަހަރަށް ޓެސްޓު ދަތުރު ފެށި މި ޖެޓު ވަނީ މިހާތަނަށް 600 އަށް ވުރެ ގިނަ ޓެސްޓް އަދި ތަމްރީނު ފްލައިޓް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ނޮވެމްބަރު 2025 ގައި ގޯކްދޮގާން ބިޔޯންޑް-ވިޝުއަލް-ރޭންޖް މިސައިލް ބޭނުންކޮށްގެން ޖެޓް އިންޖީނު އެޅި ވައިގެ އަމާޒަކަށް ކާމިޔާބު ހަމަލާއެއް ދިނުމާއި، އަމިއްލަ އިޚްތިޔާރުގައި ބޯޓުތައް ގުޅިގެން ފޯމޭޝަން ހަދައިގެން އުދުހުމުގެ ޓެސްޓުތައް ހިމެނެއެވެ. އަދި ޖުލައި 2026 ގައި ޖެޓުގެ އެތެރޭގެ ވޭޕަންސް ބޭއިން ލައިވް ހަތިޔާރު ދޫކުރުމުގެ ޓެސްޓުތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
ކުރު ރަންވޭތަކަށް ޖެއްސުމާއި ފުރުމުގެ ގާބިލުކަން ލިބިފައިވާ މި ޖެޓު އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ކަނޑުގެ ސިފައިންގެ އެމްފިބިއަސް ހަމަލާދޭ މަނަވަރު ކަމަށްވާ "ޓީސީޖީ އަނަދޮލޫ" ގައެވެ. މި މަނަވަރުގައި ކިޒިލެލްމާ ހަރަކާތްތެރިވާނީ ބައިރަކްތާރު ޓީބީ3 އާއެކުގައެވެ. ބައިނަލްއަގުވާމީ މައިދާނަށް ބަލާއިރު، ބައިކާރު ކުންފުނިން ވަނީ އިންޑޮނޭޝިއާއަށް މި މަރުކާގެ 12 ޖެޓް ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ ބޯޓުތައް 2028 ވަނަ އަހަރުން ފެށިގެން އެ ގައުމަށް ހަވާލުކުރަން ފަށާނެއެވެ.
އެމެރިކާ، ޗައިނާ އަދި ޔޫރަޕުގެ ގައުމުތަކުން ވެސް މިފަދަ ޕައިލެޓަކާ ނުލައި ދުއްވާ ހަނގުރާމަމަތީ ބޯޓުތައް އުފެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ގައުމުތަކުގެ ޕްލެޓްފޯމްތައް އަދިވެސް އޮތީ ޕްރޮޓޯޓައިޕް ނުވަތަ ޓެސްޓުކުރުމުގެ މަރުހަލާގައެވެ. އެހެންކަމުން ތުރުކީން މި ބާވަތުގެ ތިން ޖެޓް ރަސްމީ އަސްކަރީ ޚިދުމަތަށް ނެރުމަކީ މި ދާއިރާއިން އެ ގައުމުން ހޯދި ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!