ހއ. ވަށަފަރުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނި ގޮތުގައި، އަލަށް ގެންދިޔަ މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު، ވަށަފަރުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ޖަނަރޭޓަރު ސެޓު އެ ރަށަށް ގެންގޮސްފައިވާއިރު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ އިސް ވެރިންގެ ވަފުދެއް މިއަދު ވަނީ ވަށަފަރަށް ޒިޔާރަތްކުރައްވާފައެވެ.

މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަށަފަރަށް މި ކުރެއްވި ދަތުރުފުޅަކީ، އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލެއްވުމަށްޓަކައި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

ވަށަފަރަށް ކުރެއްވި މި ޒިޔާރަތުގައި، އެ ރަށުގައި ހުންނަ ސްޓެލްކޯގެ އޮފީހަށާއި އިންޖީނުގެއަށް އެ ބޭފުޅުން ވަޑައިގެންނެވި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އެ ރަށުގެ ފެން ޕްލާންޓަށް ވެސް ވަފުދުގެ ބޭފުޅުން ވަޑައިގެންނެވި ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ. އަދި އޮފީހާއި އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓުގެ އެކި މަސައްކަތްތައް ކުރިއަށްދާ ގޮތް އިސްވެރިން ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.