މި އަހަރުގެ "ޕެރިއޮޕަރޭޓިވް ވީކް" ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި މަސައްކަތްކުރާ ނަރުހުން، ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ކޭއާރްއެޗުން މައުލޫމާތު ދިން ގޮތުގައި، މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ސްކޫލުގެ ސާނަވީ ތައުލީމު ނިންމައި މަތީ ސާނަވީއަށް ކިޔަވަމުންދާ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސިއްހީ ދާއިރާގައި ބޭނުންކުރާ ތަފާތު ވައްތަރުތަކުގެ އެނެސްތީޝިއާއާ ބެހޭގޮތުންނެވެ. އަދި އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި ނަރުހުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން ވެސް ދަރިވަރުންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.
މީގެއިތުރުން، އެކިއެކި އޮޕަރޭޝަންތައް ކުރުމުގައި އަމަލީ ގޮތުން ބޭނުންކުރާ ޚާއްޞަ އާލާތްތައް ދަރިވަރުންނަށް ދައްކާލައި، އެ ތަކެއްޗާ ގުޅޭ ތަފުސީލުތައް ވެސް ދަރިވަރުންނާ ހިއްސާކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
"ޕެރިއޮޕަރޭޓިވް ވީކް" އަކީ ބަލިމީހުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އޮޕަރޭޝަން މާހައުލުގައި މަސައްކަތްކުރާ ނަރުހުންގެ ޚިދުމަތްތައް ފާހަގަކުރުމަށް ކަނޑައެޅިފައިވާ ދުވަސްވަރެކެވެ.
އެގޮތުން މި ހަފުތާއަކީ އޮޕަރޭޝަން ތިއޭޓަރުގައްޔާއި، އޮޕަރޭޝަން ކުރުމުގެ ކުރިންނާއި އޮޕަރޭޝަން ކުރާ ވަގުތު އަދި އޮޕަރޭޝަނަށްފަހު ބަލިމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޚާއްޞަ ނަރުހުންގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ފާހަގަކުރާ ހަފުތާއެއް ކަމަށް ކޭއާރްއެޗުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!