ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހއ.ބާރަށުގައި "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފިއެވެ.
ބާރަށުގައި އިއްޔެ ކުރިއަށްގެންދިޔަ މި ޑިސްޕްލޭ ޝަރަފުވެރިކޮށްދެއްވީ، މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 (އެމްޑީޔޫ 6)ގެ މެރީންސުން ހުށަހަޅައިދިން ޑިސްޕްލޭއިން ދައްކައިދީފައި ވަނީ ދުސްމަނުން ނައްތާލުމަށް ޓަކައި ހޭސްޓީ އެޓޭކެއް މެރީންސުން ކުރިއަށްގެންދާގޮތެވެ.
އެގޮތުން ދުޝްމަނުން އެ ސަރަހައްދުގައި އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ޕެޓްރޯލްކުރަމުން ދަނިކޮށް، ދުޝްމަނުން އިސްވެ ހަމާލާދޭން ފެށުމުން ރައްދުގައި ހަމަލާދީ ދުޝްމަނުންގެ ބަންކަރު ނައްތާލުމަށްފަހު، ދުޝްމަނުން ގާއިމްވެތިބި ގެއާ، ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަން ގޮއްވާލައި ދުޝްމަނުން ބަލިކުރާ މަންޒަރު ވެސް ދައްކައިދީފައިވެއެވެ.
މި ޑިސްޕްލޭއަށްފަހު ޢާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޢާއިލީ ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަރާތުން ވަނީ އޮބްސްޓެކަލް ކޯހެއް ތައްޔާރުކޮށް، ޓަނަލް ކްރޮސިންގ، ރިވަރ ކްރޮސިންގ، މަންކީ ބަރ، ޒިގްޒެގް އަދި މައުންޓަން ކްލައިމްބްގެ އިތުރުން ސިފައިންނާ އެކު ފޮޓޯނެގުންފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން މި ޢާއިލީ ހަވީރުގައި ބާރަށުގެ ސްކޫލުން ވެސް ސްޓޯލް ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާ ގޮތުގައި މި ހަރަކާތްތަކުގެ މަޤުޞަދުގައި ޝަހީދުންނަށްޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި ޢާއިލީ ހަވީރަށް، އާންމުންނާއި ކުޑަކުދީންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!