ހދ. ފިނޭ ބަނދަރުގެ ދެކުނު ސަރަޙައްދުގައި އޮންނަ "ކުރެދި ބީޗް" ތަރައްޤީކުރުމުގެ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭ ކައުންސިލް އިދާރާއިން އިޢުލާނުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކައުންސިލުން ޢާންމުކޮށްފައިވާ، ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅައި ރަޖިސްޓްރީވުމަށް ފިނޭ ކައުންސިލްގެ އިޢުލާނުގައި ބުނެއެވެ.
ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 2026 ނޮވެމްބަރ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00އެވެ.
މީގެއިތުރުން، މި ބީލަން ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށްކަމަށާއި، ބީލަމުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ.
ބީލަމަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޑިސެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި ފިނޭ ކައުންސިލް އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. އަދި ބީލަމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބު ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކުރެވިފައިވާއިރު، އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ފިނޭ ކައުންސިލްގެ ނަންބަރު 6528127 އަށް ގުޅުއްވުމަށް ކައުންސިލުން އެދެއެވެ. ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަކީ، ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!