ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިނާއި ފްރާންސް ވާދަކުރަން ޖެހުނުއިރު، އިންގްލެންޑާ ދެކޮޅަށް ނޯވޭ ނުކުންނަން ޖެހިއްޖެއެވެ.
މި މެޗުތައް ކަށަވަރުވީ ހުކުރު ދުވަހު ބޭއްވި މުބާރާތުގެ ގަދަ އަށެއްގެ ގުރުއަތުލުމަށް ފަހުގައެވެ.
ކުއާޓާ ފައިނަލުގެ މެޗުތައް ކުރިއަށްދާނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ދެ ލެގުގެ އުސޫލުންނެވެ. ގްރޫޕް އޭ3 ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ސްޕެއިން ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ގްރޫޕް އޭ1 ގެ އެއްވަނަ ހޯދި ފްރާންސާ ދެކޮޅަށެވެ.
ސްޕެއިނުން ވަނީ މިއަހަރުގެ ޖުލައި މަހު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ މަގުމަތީގައި، މުބާރާތުގެ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށްފައެވެ. މީގެއިތުރުން މިދިޔަ އަހަރު އޮތް ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައިވެސް 5-4 އިން ފްރާންސްގެ މައްޗަށް ސްޕެއިން ވަނީ ކުރިހޯދާފައެވެ. ސްޕެއިނަކީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކުރި ޓީމަށް ވާއިރު، 2021 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ތަށި އުފުލައިލީ ފްރާންސެވެ.
އިންގްލެންޑް ގަދަ އަށަކުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަށުން ބޭރުގައި ސްޕެއިން ބަލިކޮށް، ފައިދާ ގޯލުގެ ތަފާތުން ގްރޫޕް އޭ3 ގެ އެއްވަނަ ހޯދައިގެންނެވެ. އިންގްލެންޑާއި ނޯވޭ ބައްދަލުކުރާ ދެ ލެގުގެ ކުރިމަތިލުމުގެ ފުރަތަމަ މެޗު ކުޅޭނީ ނޯވޭގެ ދަނޑުގައެވެ. މި އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އިންގްލެންޑުން ވަނީ ނޯވޭ ބަލިކޮށްފައެވެ. ނަމަވެސް އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑް ވަނީ އާޖެންޓީނާ އަތުން ބަލިވެފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ އަނެއް ދެ މެޗުގައި، އެންމެ ފަހުގެ ނޭޝަންސް ލީގު ޗެމްޕިއަން ޕޯޗުގަލް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ ޖަރުމަނާ އެވެ.
ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތައް ދަތުރުކުރާނީ އަންނަ އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް ސްޓޭޖަށެވެ. މި ބުރު ކުޅޭނެ ވަކި ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެއް ލެގުގެ އުސޫލުން ކުޅޭ ސެމީ ފައިނަލުގައި ސްޕެއިން ނުވަތަ ފްރާންސް ވާދަކުރާނީ ނެދަލެންޑްސް ނުވަތަ ޕޯޗުގަލްއާ އެވެ. އަދި ނޯވޭ ބަލިކޮށްފިނަމަ އިންގްލެންޑް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ބެލްޖިއަމް ނުވަތަ ޖަރުމަނާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!