ޗައިނާގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ އެއްވެސް މެންބަރެއްގެ އިދިކޮޅު ވޯޓަކާ ނުލައި، އެ ގައުމުގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް ޝީ ޖިންޕިން ހުކުރު ދުވަހު އިންތިޚާބުކޮށްފިއެވެ.
އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ އަދި އެމެރިކާއާ ދެމެދު މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި، އެންޕީސީގެ 2،952 މެންބަރުންގެ އިއްތިފާގުން ޝީ އަށް ފަސް އަހަރުގެ އިތުރު ދައުރެއް ދިނުމާއެކު، އޭނާ އުމުރުދުވަހަށް ވެރިކަމުގައި ދެމިހުންނެވުމުގެ މަގު ވަނީ ފަހިވެފައެވެ.
އުމުރުން 69 އަހަރުގެ ޝީ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގެ ތިންވަނަ ދައުރެއް ވެސް ކަށަވަރުކުރައްވައި، ކޮންމެ ދިހަ އަހަރަކުން ވެރިކަން ބަދަލުކުރުމަށް ޗައިނާގައި އޮތް ސަގާފަތް މުގުރާލައްވާފައެވެ. ރައީސްކަމުގެ މަގާމުގައި ހުންނެވޭނީ ގިނަވެގެން ދެ ދައުރު ކަމަށް ގާނޫނުއަސާސީގައި ކުރިން އޮތް މާއްދާ އުވާލާފައިވާއިރު، ދެ މިލިއަން ސިފައިންގެ މައްޗަށް އެކުލެވޭ ޕީޕަލްސް ލިބަރޭޝަން އާމީގެ ކޮމާންޑް އޮންނަ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވެރިޔާގެ މަގާމަށް ވެސް މެންބަރުންގެ އިއްތިފާގުން ޝީ ވަނީ އަލުން އިންތިޚާބުކޮށްފައެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުދުވަހު ވެސް ޕާޓީގެ ލީޑަރަށް އޮޓޮމެޓިކުން ލިބޭ މަގާމެކެވެ.
ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ކުރިއަށްދިޔަ މި ވޯޓުލުމުގައި ނޫސްވެރިން ދުރުގައި ބޭތިއްބިއިރު، އެންޕީސީގެ އައު ވެރިޔަކަށް ހަމަޖެއްސީ ޕާޓީގެ ތިންވަނައަށް އެންމެ އިސް އޮފިޝަލް ޒާއޯ ލެޖީ އެވެ. އަދި ޝަންހާއީގެ ކުރީގެ ޕާޓީ ވެރިޔާ ހާން ޒެންގް ވަނީ ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުކޮށްފައެވެ. މި މަގާމުތަކަށް އިންތިޚާބުވުމާ ގުޅިގެން ޝީ އާއި، ޒާއޯގެ އިތުރުން ހާން ވަނީ ޗައިނާގެ ގާނޫނުއަސާސީގައި އެއް އަތްޕުޅު ބާއްވަވައިގެން ތިއްބަވައި މަގާމުގެ ހުވާކުރައްވާފައެވެ. މީގެއިތުރުން ކޮންގްރެސްގެ ނައިބު ޗެއާޕާސަންކަމަށް 14 ބޭފުޅަކު ވެސް ވަނީ ހުވާކުރައްވާފައެވެ.
މީގެއިތުރުން، ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވެރިޔަކަށް ވަންގް ހޫނިންގ ހަމަޖައްސާފައިވާއިރު، ސަރުކާރުގެ ކެބިނެޓާއި އިގުތިސާދާ ހަވާލުވެވަޑައިގަންނަވާ ބޮޑުވަޒީރުގެ މަގާމަށް ލީ ޗިއާންގް އައްޔަންކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ލީ ޗިއާންގް ފާހަގަކުރެވިފައިވަނީ ޝަންހާއީގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު ހަރުކަށި "ޒީރޯ-ކޮވިޑް" ފިޔަވަޅުތައް ތަންފީޒުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޕާޓީގެ އެންޓި ކޮރަޕްޝަން ވޮޗްޑޯގް ކަމަށްވާ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަންގެ ވެރިޔަކަށް ލީ ޝީ ވަނީ ހަމަޖައްސާފައެވެ. ޕާޓީގެ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީގައި ޝީއާއެކު ދެން ތިއްބެވި ހަ މެންބަރުންނަކީ ވެސް އޭނާއަށް ވަފާތެރި ބޭފުޅުން ކަމަށްވާއިރު، ސަން ޗުންލާންގެ ވަކިވުމަށްފަހު 24 މެންބަރުންގެ ޕޮލިޓްބިއުރޯގައި މިހާރު އެއްވެސް އަންހެން މެންބަރަކު ނެތެވެ.
މި އަހަރުގެ އެންޕީސީ ސެޝަން ފެށުމުގެ ގޮތުން މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު ލީ ކެޗިއާންގް ވަނީ އިގުތިސާދު ކުރިއެރުވުމަށްޓަކައި މި އަހަރު ގާތްގަނޑަކަށް 5 ޕަސެންޓްގެ ކުރިއެރުމެއް ހޯދުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފައިވާކަން އިއުލާނުކުރައްވާފައެވެ. މިއީ 1970 ގެ އަހަރުތަކަށްފަހު އެ ގައުމުގެ އިގުތިސާދު އެންމެ ބޮޑަށް ދަށަށްދިޔަ އެއް އަހަރު ކަމަށްވާ މިދިޔަ އަހަރު ލިބުނު 3 ޕަސެންޓްގެ ކުރިއެރުމަށްފަހު ކަނޑައެޅި އަމާޒެކެވެ. މީގެއިތުރުން، ޗައިނާގެ ފިނޭންސް މިނިސްޓްރީން ވަނީ ދިފާއީ ބަޖެޓު 7.2 ޕަސެންޓް އިތުރުކޮށް، 1.55 ޓްރިލިއަން ޔުއާން (224 ބިލިއަން ޑޮލަރު) އަށް ބޮޑުކޮށްފައެވެ. މިއީ އެމެރިކާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އަސްކަރީ ބަޖެޓެވެ.
މި ބަދަލުތަކާއެކު ވެރިކަން ހަރުދަނާކުރައްވަމުން ގެންދަވާއިރު، ވިޔަފާރިއާއި ޓެކްނޮލޮޖީ އަދި ޓައިވާނާއި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާރިޖީ ވަޒީރު ޗިން ގަންގް އިންޒާރު ދެއްވި ގޮތުގައި އެމެރިކާއިން ގޯސް މަގުން ދުއްވުން ނުހުއްޓުވައިފިނަމަ، ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުމަކަށް ދިއުން އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެއެވެ. އަދި އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ގައުމުތަކުން ޗައިނާ ހިސާރުކޮށް، ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށާއި މިއީ ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ޝީ ޖިންޕިން ވެސް ވަނީ މަންދޫބުންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!