ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ ސިލްސިލާ "މަންފާ ދަތުރު"ގެ މިފަހަރުގެ ދަތުރު ށ. ކަނޑިތީމަށް ކުރުމަށް ތައްޔާރުވެއްޖެއެވެ.

މި ދަތުރުގެ ތެރެއިން އެ ރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

Ad
rt

މިއީ ކަނޑިތީމު ކައުންސިލުން އިންތިޒާމްކޮށް، މަންފާ ޖަމްޢިއްޔާއާއި، އެ ރަށުގެ މުއައްސަސާތަކުގެ އިތުރުން ކްލަބް ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ. މި ހަރަކާތްތައް އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްލާމީ ނޫރު"ގެ ނަމުގައި ބާއްވާ ދީނީ ފޯރަމެއްގެ ގޮތުގައެވެ.

ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފޯރަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 19 އަދި 20 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މި ދަތުރުގެ ތެރެއިން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ނަމާދު ވޯކްޝޮޕަކާއި، ދީނީ ފޯރަމެއްގެ އިތުރުން ބަންގި ސެޝަނަކާއި، "ކޮފީ ވިތް އަލީ ރަމީޒް" އަދި އަންހެނުންނަށް ޚާއްޞަ ސެޝަނެއް ވެސް ކުރިއަށްދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި ސެޝަންތަކުގައި ސުވާލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައި އޮންނާނެއެވެ. މީގެ އިތުރުން، މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ދެ ޖިންސަށް ވަކިން ގުރުއަތުލައިގެން އިނާމު ހޯދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކަނޑިތީމަށް ކުރާ މަންފާ ޖަމްޢިއްޔާގެ މި ދަތުރުގައި ދީނީ ދަޢުވަތު ފެތުރުމުގައި ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނީ ޑރ. އާދަމް ޝަމީމާއި، އައްޝައިޚް ޢަބްދުﷲ މިފްޒާލްގެ އިތުރުން މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒެވެ.

މަންފާ ޖަމިއްޔާ އިސްލާމީ މަތިވެރި ނޫރު ފެތުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ގިނަ ރަށްތަކަކަށް އަންނަނީ ޒިޔާރަތްކުރަމުންނެވެ.