ފައިސާ ދެއްކުމާއި އެހެނިހެން އެތައް ހިދުމަތްތަކެއް އެ ކާޑު މެދުވެރިކޮށް ލިބޭނޭހެން، އައިޑީކާޑު ސްމާޓް ކާޑަކަށް ބަދަލުކޮށް އަންނަ އަހަރު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad
rt

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަން ފަދަ ކަންކަން ނައްތާލުމަށް "މޯލްޑިވްސް 2.0" އަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މި ކަމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ތެރެއިން ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް އެ މީހުންގެ ހެލްތު ރެކޯޑުތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަސޭހަކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތައް ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ ހިދުމަތްތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް އޮންލައިންކޮށް ފޯރުކޮށްދެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޑިޖިޓަލް އާކައިވެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނާއި ވިޔަފާރިވެރިން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 4،061 ޒުވާނަކަށް އެކި ކަހަލަ ލޯނު ފެސިލިޓީތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި، ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ޒުވާން ވިޔަފާރިވެރިން ހިމެނޭ ކަމަށް ވިދާޅުވިއެވެ.