ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ކޮންމެ ދިވެހި ރައްޔިތަކަށް ބޭރު ފައިސާއިން ލިބޭނެ ގޮތަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/19 ގެ ދަށުންނެވެ. މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

Ad
rt

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުންވެސް ހިމެނެއެވެ.

އަލަށް އުފެއްދެވި "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" ގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ލިބިދޭނެ މިފަދަ ނިޒާމެއްގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ހަމަހަމަކަމާއެކު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ޤާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.