ހއ. މާރަންދޫގައި ކުރިއަށް ގެންދިޔަ " ސައިބަރ ސެކިޔުރިޓީ " އެވެއަރނަސް ސެޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ މާރަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިތުރުން މާރަންދޫ ސްކޫލާއި މާރަންދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ.
ޔޫކޭޖީން ފެށިގެން ގްރޭޑް 10ގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގުނު މި ޕްރޮގްރާމްގައި އާންމު ދިރިއުޅުމުގައި އިންޓަނެޓާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތަކާއި، އެކައުންޓްތައް ހެކްކުރުން ފަދަ ސައިބަރ ކުށްތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ދަރިން އިންޓަނެޓް ބޭނުންކުރާ ވަގުތުތަކާއި ބަލާ ކަންކަމަށް ބެލެނިވެރިން ސަމާލުވެ، ދަރިންގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތައް މި ސެޝަންތަކުގައި ކިޔައިދީފައިވެއެވެ.
އިހަވަންދޫ ޕޮލިހުން ނަންގަވައިދެއްވި މި ސެޝަންތަކަށް، މާރަންދޫ ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މާރަންދޫ ކައުންސިލުން ހާމަކުރެއެވެ.
މާރަންދޫ ކައުންސިލްގެ ރައީސް ޙަސަން ވަޙީދު "ތިލަދުން"އަށް ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން، ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދިމާވާ ކޮންމެ ކަމެއްގައިވެސް ޖެހިލުމެއްނެތި ފުލުހުންނާ ޙިއްސާކޮށް، މަޢުލޫމާތު އޮޅުންފިލުވައި، ގާތް ގުޅުމެއް އުފެދިފައިވާކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމް މިހާ ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި، މާރަންދޫ ސްކޫލްގެ އިސްވެރިންނަށާއި މުވައްޒަފުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާ ކުރާކަމަށެވެ. އަދި އިހަވަންދޫ ޕޮލިސް ޕޯސްޓާއި މާރަންދޫ ޕޮލިސް ޕޯސްޓްގެ އިތުރުން އތމ ކޮމިޓީއާއި ކައުންސިލްގެ އެންމެހާ މުވައްޒަފުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!