އެއްވެސް ޙާލަތެއްގައި އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
މިކަމުގައި ދިވެހިރާއްޖެއިން ނިންމާފައިވާ ނިންމުން ދިފާޢުކުރައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅުއްވާފައިވާ ބިލްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 7 އޮކްޓޯބަރު 2023 ގެ ފަހުން އިޒްރޭލުން ހިންގަންފެށި ޤަތުލްއާންމު ހުއްޓާލާ، ޙާލަތު ބަދަލުވަންދެން އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް ކުރިން އޮތް ކަމަށެވެ. ނަމަވެސް، މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި އެ ޙާލަތަށް ރިޢާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މުތުލަޤަށް ކަނޑައަޅާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިމުގެ ތެރެއަށް އެ ޤައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ ޤަބޫލުކުރެވޭނެ ހަމައެއް ނޫން ކަމަށެވެ. މި މައްސަލައިގައި ދިވެހިރާއްޖެ އަބަދުވެސް އޮތީ ސާބިތުކަމާއެކު ފަލަސްޠީނުގެ ޙައްޤުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ސިޔާސަތާއި ސްޓޭންޑް ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އެކި ފަހަރުމަތިން ރާއްޖެއިން ނަގަހައްޓާފައިވާނެ ކަމަށާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އުފުލި އެކި ޤާނޫނީ ދަޢުވާތަކުގައިވެސް ރާއްޖެއިން ވަކާލާތުކޮށްފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި، މިއީ ދިވެހި ރައްޔިތުންނަށް ނުހަނު ހައްސާސް މައްސަލައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިމިގްރޭޝަނާބެހޭ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން މިދަނީ މި ދެންނެވި މުހިންމު ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރެވި، ރާއްޖޭގެ މި ސްޓޭންޑް ވަރަށް ސާފުކޮށް ބަޔާންކުރެވިގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!