ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ރާއްޖޭގައި ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ތާރީޚު ދެކެފައި ނުވާ މިންވަރަށް ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ މުއްދަތެއް ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުންކަން ހަނދާންކޮށްދެއްވިއެވެ. އަދި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު މި މަޝްރޫޢުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމަޢުގައި ފަތުރަމުންދާ ބައެއް ވާހަކަތަކާއި އަޑުތަކުގެ ޙަޤީޤަތުގެ މައްޗަށް އެމަނިކުފާނު ވަނީ ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ނަމަވެސް، ކަންކަމުގެ ރަނގަޅާއި ގޯސް ވަކިކޮށް ބަލައި، އޭގެ ތެރެއިން ރަނގަޅު ގޮތް އިޚްތިޔާރުކުރާ ބަޔަކުވެސް މުޖުތަމަޢުގައި އުޅޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަސްމާލޭގެ ތަރައްޤީގެ މަޝްރޫޢާ ގުޅިގެން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މިކަމުގައި އޮތީ ހަމައެކަނި ފައިދާކަމުގެ ޔަޤީންކަން އެފަދަ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
މީގެއިތުރުން، ރައީސް އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގައި މި މަޢުޟޫޢަށް ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލުތައްވެސް އެމަނިކުފާނު ވަނީ މި ޕޮޑްކާސްޓުގައި ހިއްސާކުރައްވާފައެވެ. އެގޮތުން، މަޝްރޫޢު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވަމުން، އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވައި، އެ މަސައްކަތްޕުޅު އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގެ ކަށަވަރުކަންވެސް ރައީސް ދެއްވިއެވެ.
ރަސްމާލޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަކީ ތަރައްޤީ އިތުރަށް ކަށަވަރުވެގެންދާނެ ކަމެއްކަން ބަޔާންކޮށްދެއްވަމުން، މިފަދަ މަޝްރޫޢެއްގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު އެއްވެސް މިންވަރަކަށް ހަނިވެގެން ނުދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާއެކު، ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންދަނީ ދައުލަތުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފިއުޗަރ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން ލައްވައި މި މަސައްކަތްތައް ކުރިއަށްގެންދަނީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ގޮތަށް ކަމަށެވެ. އަދި މިކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަކުރާރުކޮށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!