ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ "ޑިކްޓޭޓަރެއް" ކަމަށް ބުނުމާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމާ ހެދި، އެ ކްލަބުން ޗައިނާގެ ރައްޔިތުންގެ ކިބައިން ބުދަ ދުވަހު ރަސްމީކޮށް މާފަށް އެދިއްޖެ އެވެ.

އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ލިބޭ ޗައިނާގެ މާކެޓުގައި ރެއާލްގެ ޓީވީ ޑީލްތަކަށާއި އެމްބާޕޭގެ ސްޕޮންސަރުންނަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ.

Ad
d

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ފަހުން ދެއްކި ވާހަކަތަކުގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް ލިބުނު އެއްވެސް ހިތްހަމަނުޖެހުމަކަށްޓަކައި އެ ގައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ޗައިނާ އާއި އެ ގައުމުގެ ތާރީޚާއި ސަގާފަތާއި ރައްޔިތުންގެ އިތުރުން، ރެއާލަށް ލޯތްބާއި ތާއީދު އޮތް އެތައް މިލިއަން ޗައިނާ ސަޕޯޓަރުންނަށް ވެސް އެ ކްލަބުން އަބަދުވެސް ފުން އިހުތިރާމެއް އޮންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ ފެންމަތިވީ، ފަހުން ޑިލީޓްކޮށްފައިވާ ފްރެންޗް ޕޮޑްކާސްޓެއްގެ ވީޑިއޯއެއްގައި، މާއޯގެ ފޮޓޯއަކަށް އެމްބާޕޭގެ މޫނު ލައިގެން ހަދާފައިވާ މަޖާ މީމްއަކާ ގުޅޭގޮތުން އޭނާ ވާހަކަދެއްކުމުންނެވެ. އެ ފޮޓޯއަށް އިޝާރާތްކޮށް އެމްބާޕޭ ބުނެފައިވަނީ އެއީ "ޗައިނާގެ ޑިކްޓޭޓަރެއް ކަމަށް ހީވާ މީހެއް" ކަމަށެވެ. ކުޅޭ ކްލަބްތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަޕޯޓަރުން އޭނާ ސިފަކުރަނީ އަސްކަރީ އަދި ސިޔާސީ ލީޑަރުންގެ ގޮތުގަ އެވެ. ޔޫރަޕުގެ މީޑިއާތަކުގައި ވެސް އެމްބާޕޭއަށް "ޑިކްޓޭޓަރު" ގެ ލަގަބު ދީފައިވީ ނަމަވެސް، 1949 އިން ފެށިގެން 1976 ގައި އަވަހާރަވުމާ ހަމައަށް ޗައިނާގެ ޒަމާނީ ބާނީގެ ގޮތުގައި ވެރިކަން ކުރެއްވި މާއޯއަށް މަލާމާތްކުރުމަކީ އެ ގައުމުގެ މުޖުތަމައުގައި ކަނޑައެޅިގެން މަނާ ކަމެކެވެ.

މި މައްސަލައިގެ ނަތީޖާއެއްގެ ގޮތުން، ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓިން ޕްލެޓްފޯމް 'މީގޫ' އިން އަންނަ އާދީއްތަ ދުވަހު ރޭސިން ސަންޓަންޑާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ލަ ލީގާ މެޗު ދައްކަން ވަނީ ދެކޮޅު ހަދައިފަ އެވެ. މި ހަފުތާ ބަންދުގައި ކުޅޭ ލަ ލީގާގެ 10 މެޗުގެ ތެރެއިން މީގޫއިން ބޮއިކޮޓްކޮށްފައިވަނީ ހަމައެކަނި ރެއާލްގެ މެޗެވެ. މީގެއިތުރުން، ޗައިނާގެ މަޝްހޫރު ޑެއިރީ ކުންފުނިތައް ކަމަށްވާ މެންގްނިއު އާއި ޝަންހާއީ މިލްކްގްރައުންޑް ފުޑް ޓެކް އަދި އީސްޓްރޮކް ބެވަރޭޖުން ވަނީ އެމްބާޕޭއާއެކު އޮތް ހުރިހާ ޕާޓްނާޝިޕްތަކާއި އެއްބަސްވުންތައް ވަގުތުން ހުއްޓާލައިފަ އެވެ.

މާލީ ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމަށް ބަލައި، ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ މި މައްސަލަ ހައްލުކުރުމަށް ކްރައިސިސް ޔުނިޓެއް އުފައްދަވައި، ޗައިނާއިން ސްޕެއިނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔާއޯ ޖިންގްއާ ބައްދަލުކުރައްވައިފަ އެވެ. ސްޕެނިޝް ފުޓުބޯޅައިގެ ބާރުތަކުގެ ކޯޅުމުގައި ޓެބާސްގެ އިސްތިއުފާއަށް ރެއާލުން ގޮވާލާފައިވީ ނަމަވެސް، މި މައްސަލައިގައި ކުރިމަތިވެދާނެ ބޮޑު މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ދެ ފަރާތުން ވެސް މިހާރު ވަނީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށްފަ އެވެ. ލަ ލީގާގެ މަސްދަރުތަކުން ބުނާ ގޮތުގައި، މި ނުރައްކަލުން ސަލާމަތްވުމަށް ޓެބާސް ޗައިނާއަށް ދަތުރުކުރެއްވުމާ މެދު ވެސް ގެންދަވަނީ ވިސްނަވަމުންނެވެ.

Ad
df

ޗައިނާގެ މާކެޓުން ލިބޭ އާމްދަނީ ދަށްވެދާނެ ކަމުގެ ބިރު އޮތްއިރު، ލަ ލީގާއިން ގެންދަނީ ބެއިޖިންއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ވިސްނަމުންނެވެ. ޗައިނާގެ ދައުލަތުގެ ޓީވީން އަދިވެސް އިންތިޒާރު ކުރަމުންދަނީ ގުޅުން އިޔާދަކުރުމަށް އަޅާ އިތުރު ފިޔަވަޅުތަކަށެވެ. އެމްބާޕޭ އާއި ލަ ލީގާއިން ކުރިން މާފަށް އެދުނު ނަމަވެސް ޗައިނާގެ ރައްޔިތުންގެ ހިތްހަމަނުޖެހުން ފުރަތަމަ މައިތިރިވާ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް، އެމްބާޕޭ މާފަށް އެދުމާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ބުދަ ދުވަހު ވިދާޅުވީ، އެ ކުޅުންތެރިޔާ މާފަށް އެދިފައިވާތީ އެކަން އެ ގައުމުން ސީރިއަސްކޮށް ބަލައިގަންނަ ކަމަށެވެ.