އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ މަސްތުވާތަކެތީގެ ނުރައްކަލުން މި ޤައުމު ސަލާމަތެއް ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުގައި އިސްލާމްދީން އިންސާނީ މުޖުތަމަޢަކަށް ދޭ ތިންވަނަ ރައްކާތެރިކަމަކީ ބުއްދީގެ ރައްކާތެރިކަން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ބުއްދިއާއި ވިސްނުމަށް އެއްވެސް ލޮޅުމެއް އެރިޔަނުދިނުމަށްޓަކައި މާތްﷲ ވަނީ މަސްތުވާ ކޮންމެ އެއްޗެއް ޙަރާމްކުރައްވާފައި ކަމަށާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ދޭހަވާ ގޮތުގައި މަސްތުވާތަކެއްޗަކީ ހުރިހާ ނުބައެއްގެ އަސްލުކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަސްތުވާ އެއްޗެހި ޙަރާމްވުމުން މަނާވަނީ ހަމައެކަނި މަސްތުވުން ނޫން ކަމަށާއި، އޭގެ ސަބަބުން ދެން ހިނގައިފާނެ ނޭދެވޭ ހުރިހާ ކަމަކާއި އޭގެ ނަތީޖާވެސް މަނާވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސައިންޓިފިކް އަދި ޢިލްމީ ނަޒަރަކުން މަސްތުވާތަކެތީގެ ނުރައްކަލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްތުވާ އެއްޗެއް ބޭނުންކުރުމުން ސިކުނޑީގައި ހިނގާ މާއްދީ ޙަރަކާތްތަކާއި ކެމިކަލްތަކުގެ ސަބަބުން ދެވިހިފުމާ ހިސާބަށް ދަތުރުކުރާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ ފަދަ ކުށެއް ކުރުމަށްވެސް ޖެހިލުންވުމެއް ނެތި ހަވާ ނަފުސަށް އިޖާބަދީ، މާއްދީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތު އެކީ ހަލާކުވެގެންދާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ވަބާގެ ސަބަބުން އުފެއްދުންތެރިކަން ގެއްލި، މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވައްކަމާއި ޓެކުމާއި ފޭރުން ފަދަ ބިރުވެރި ޖަރީމާތައް އާންމުވެ މުޅި ޤައުމު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށެވެ. އެހެންކަމުން ބުއްދިއަށް ލޮޅުން އެރުވުމަކީ ހަމައެކަނި ވަކި ފަރުދަކާ ހިސާބުން ނިމޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
''މާތްވެގެންވާ އިސްލާމްދީން، އެ ދީނުގައި ހިފަހައްޓާ ބަޔަކަށް، މި ބޮޑު މުޞީބާތުން ޤައުމު ސަލާމަތްކޮށްދޭ. އެ މާތް ދީން އިންސާނާއަށް ދޭ ކަށަވަރުކަމަކީ، ޔަޤީން ކަމަކީ، އެ ދީނުގެ ތިލަފަތުގައި ބުއްދިއަކީ މަތިވެރި ޖައުހަރެއްކަން.'' ރައީސް ވިދާޅުވެފަވެއެވެ.
އިސްލާމްދީނުގައި ހިފަހައްޓާ ބަޔަކަށް މި ބޮޑު މުޞީބާތުން ސަލާމަތްވެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން އިންސާނާ ބައްޓަންކުރަނީ އުފެއްދުންތެރި، ވިސްނުންތެރި، އަދި ހެޔޮކަންކަމަށް އަމުރުކުރާ އަމާން މީހެއްގެ ގޮތުގައި ކަމަށެވެ. އަދި މީގެ 900 އަހަރު ކުރިން އިސްލާމްދީން ގެނައި މި އިންޤިލާބީ ބަދަލުގެ ސަބަބުން ދިވެހީންނަށް ލިބުނު އިންސާނީ ހަމަޖެހުމަކީ ދުނިޔޭގެ އެތައް މިތަނުގައި ވިޔަފާރިކުރުމާއި، އޮޑިދޯނިފަހަރު ބަނުމާއި، މިސްކިތްތަކާއި އިމާރާތްތައް ބިނާކުރުމުގައި ދިވެހިން ހޯދި ފަންނީ ކުރިއެރުމާއި ތާރީފުގެ އަސްލު ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!