މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
މިއަދުގެ މޫސުން ލަފާކުރެވޭގޮތުގެ މައުލޫމާތު އާންމުކުރަމުން މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް މެޓުން ބުންޏެވެ.
މިއަދު އާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގަޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ މިއަދު ވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިވަގުތު ވެސް އޮތީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމީ ސަމާލު، ހުދު ސަމާލު ނެރެފައެވެ.
އިއްޔެ ކުރި ވިއްސާރާގައި ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާލަތާއި ކުރިމަތިވެފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނިގޮތުގައި އިއްޔެގެ ވިއްސާރާގައި އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބުނެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މޫސުމީ ހާލަތުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސޮށްފައެވެ.
ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ގިނައަދަދެއްގެ ވިއްސާރަ ވިލާ އުފެދި ސެޕްޓެމްބަރު 11 އިން 13 އަށް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ކުރިން އޮތީ ލަފާކޮށް ސަމާލުގެ މެސެޖު ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!