ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފައި ތިބި އީރާނުގެ 10 މަސްވެރިއަކު މިނިވަންކުރުމާ ގުޅިގެން، އެ މީހުން އެނބުރި ގައުމަށް ދިއުމަށް ދަތުރުފަށައިފިއެވެ.
ދުބާއީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ، ޔޫއޭއީގެ ބަންދުގައި ތިބި އެ ގައުމުގެ ފަޅުވެރިން ހުކުރު ދުވަހު މިނިވަންވެ، ގައުމަށް އެނބުރި ދިއުމަށް ދަތުރުފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ކޮންސިއުލޭޓުން ބުނި ގޮތުގައި، މިނިވަންވި މަސްވެރިން ޔޫއޭއީގެ ސަރަހައްދުން ނުކުމެ، ޕާޝިއަން ގަލްފު ހުރަސްކޮށް ދަތުރުކުރަމުންދަނީ އީރާނުގެ ދެކުނު ބަނދަރު ރަށެއް ކަމަށްވާ ބަންދަރު އައްބާސްއަށެވެ.
މި މަސްވެރިން މިނިވަންކޮށްފައިވަނީ ހައްޔަރުކުރެވޭ އީރާނު މަސްވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށް ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުވެސް އީރާނުގެ 55 މަސްވެރިއަކު ވަނީ މިނިވަންކޮށް، އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ޔޫއޭއީއިން ހައްޔަރުކުރި ގިނަ މަސްވެރިންނަކީ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތައް ކަމަށްވާ ހޯރްމޯޒްގާން އާއި ސިސްތާން-ބަލޫޗިސްތާން ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ. މިއަހަރުގެ މާޗް އަދި އޭޕްރީލް މަހުގެ ތެރޭގައި ޔޫއޭއީގެ ކޯސްޓްގާޑުން މި މީހުން ހިފެހެއްޓުމަށްފަހު، ސުވައިހާން ޑިޓެންޝަން ސެންޓަރާއި، ރައުސުލް އަލް-ޚައިމާ އަދި ޝާރްޖާގެ ޖަލުތަކުގައި ދެ މަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބޭތިއްބިއެވެ. މި މީހުން މިނިވަންކުރެވުނީ ކޮންސިއުލާ ފެންވަރުގައި ކުރެވުނު މަޝްވަރާތަކަށްފަހުގައެވެ.
މި މަސްވެރިން ޔޫއޭއީގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެވިފައިވަނީ، އެ މީހުން ދަތުރުކުރި އުޅަނދުފަހަރުގެ ޖީޕީއެސް އަދި ވެސެލް-ޓްރެކިން ސިސްޓމްތަކަށް އައި މައްސަލަތަކެއްގެ ސަބަބުން ނެވިގޭޝަން ސިގްނަލް ކެނޑި، އޮޅިގެން ސަރަހައްދުން ބޭރުވުމުންނެވެ. ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި، މި ސިގްނަލްތަކަށް ބުރޫއެރީ އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އުފެދުނު އިލެކްޓްރޯނިކް އިންޓަފިއަރެންސްގެ ސަބަބުންނެވެ.
ނޭނގި ސަރަހައްދީ އިން ހުރަސްކުރެވޭ މައްސަލަތަކާއި ހައްޔަރުކުރެވޭ މަސްވެރިން ރައްކާތެރިކަމާއެކު އަނބުރާ ގައުމަށް ފޮނުވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އީރާނާއި ޔޫއޭއީއާ ދެމެދު ގާއިމުކުރެވިފައިވާ ކޮންސިއުލާ މަގުތަކުން ގަވާއިދުން ގުޅުން ބަހައްޓައި، މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!