އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތަކާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ކަނޑުގެ ބަންދުތަކަށް ގުޑުމެއްނައިސް އީރާނުން އަހަރުތަކަކަށް ހިފަހައްޓައިފާނެ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމޭއިރުވެސް މި ހަނގުރާމަ ނުނިމި ދެމިގެންގޮސްދާނެ ކަމަށް ވައިޓް ހައުސްގެ އިސް މުޝީރުން އަންދާޒާކުރައްވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔު.އެސް.އޭ) އިން ރިޕޯޓުކޮށްފިއެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް އާންމުކޮށް ދައްކަވާ ވާހަކަފުޅުތަކާއި، ސަރުކާރުގެ އެންމެ މަތީ މުޝީރުންގެ އެތެރޭގެ ވަޒަންކުރުންތަކާ ދެމެދު ބޮޑެތި ހިލާފުތަކެއް ވަނީ އުފެދިފައެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން، ނައިބު ރައީސް ޖޭޑީ ވެންސް އާއި ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިމެނިވަޑައިގަންނަވާ ގޮތަށް ވައިޓް ހައުސްގެ އިސް މަސްއޫލުވެރިން ވަނީ އޯވަލް އޮފީހާއި ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުންތަކުގައި ޓްރަމްޕަށް ސިއްރު މައުލޫމާތު އަރުވައިފައެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ އެމެރިކާގެ އަސްކަރީ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ކަނޑުގެ ބަންދުތަކަށް ސިލްސިލާކޮށް ކުރިމަތިލުމުގެ ގާބިލުކަން ތެހެރާނަށް އަހަރުތަކަކަށް ލިބިގެންވާ ކަމަށެވެ. އަދި މި ނުކުރެކުން ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ ބަޔާއި، ޖެނުއަރީ 2029 ގައި ބާއްވާ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ފަހަތަށްވެސް ދެމިގެންގޮސްދާނެ ކަމަށް މުޝީރުން ވަނީ އިންޒާރު ދެއްވައިފައެވެ.
މި އިންޒާރުތަކަކީ ޓްރަމްޕް އާންމުކޮށް ދައްކަވާ ވާހަކަފުޅުތަކާ މުޅިން ހިލާފު މައުލޫމާތުތަކެކެވެ. ޓްރަމްޕް އާންމުކޮށް ވިދާޅުވަމުން ކުރިއަށްގެންދަވަނީ، ނޮވެމްބަރު 2026 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ހަނގުރާމަ "ވަގުތުން" ނިމުމަކަށް އަންނާނެ ކަމަށެވެ. ޓްރަމްޕް ވަކާލާތު ކުރެއްވި ގޮތުގައި އީރާނުން އުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކެތްމަދުވެގެން ކަމަށާއި، ނަމަވެސް އެ ގައުމަށް އިތުރަށް ހިފަހައްޓައި ނުލެވޭނެ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން މެދުއިރުމަތީގައި ރާވަމުންދާ ރޭވުންތަކުންވެސް ފެންނަނީ ދިގު މުއްދަތަކަށް ހަނގުރާމައިގައި ދެމިތިބުމުގެ ތައްޔާރީތަކެކެވެ. އެގޮތުން، އެމެރިކާގެ ސިފައިން ފޮނުވުމާއި ވައިގެ ދިފާއީ ވަސީލަތްތައް ބެހެއްޓުން ވަނީ 2027 ވަނަ އަހަރަށް އަދި މުއްދަތެއް ނެތް ގޮތަށް ބަދަލުކުރެވޭނެ އުސޫލުން ތަރުތީބުކޮށްފައެވެ. އަދި އެ ސަރަހައްދުގައި އެމެރިކާގެ 50،000 އެއްހާ ސިފައިންގެ އަސްކަރީ ބާރު ދެމެހެއްޓުމަށް ވަނީ ނިންމައިފައެވެ.
މި ރިޕޯޓާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އޯލީވިއާ ވޭލްސް ބުނީ ކަނޑުގެ ބަންދުތަކާއި ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޒަރީއާއިން ޓްރަމްޕް ވަނީ "އީރާނުގެ އަސްކަރީ ގާބިލުކަން ހަލާކުކޮށްލައްވާފައި" ކަމަށެވެ. އަދި "އެމަނިކުފާނު ކުރައްވާނީ ކޮންކަމެއްކަމާއި، އެކަމެއް ކުރައްވާނީ ކޮން އިރަކުކަން އެނގިވަޑައިގަންނަވާނީ ހަމައެކަނި ރައީސް ޓްރަމްޕަށް" ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.
މި ހަނގުރާމައާއި ޕާޝިއަން ގަލްފުގައި ކުރިއަށްދާ ކަނޑުގެ ބަންދުތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އުފުލި، އެމެރިކާގައި ތެލުގެ އަގު ބޮޑުވުމަށް މަގުފަހިވެފައެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދިއުމުގެ ސަބަބުން ވޯޓުލާ ފަރާތްތަކުގެ ނުރުހުން ބޮޑުވަމުންދާއިރު، ހަނގުރާމަ މުއްދަތެއް ނެތް ގޮތަށް ދެމިގެންދިއުމަކީ 2026 ގެ މިޑްޓާމް އިންތިޚާބަށާއި 2028 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު ރިޕަބްލިކަން ޕާޓީއަށް އޮތް ސިޔާސީ ބޮޑު ގޮންޖެހުމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ އާއި އެމެރިކާގެ ވާގިވެރިންގެ މިދަތިކުރުމާއި ހަމަލާތަކާއެކު ވެސް އެތައް މަހެއްވީ މި ހަނގުރާމައިން އީރާން ބަލިކުރެވިފައެއްނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!