ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ޖުމްލަ 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.
އެ ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އާންމުކޮށްފައެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި މަހުގެ 1 އިން 8 އަށް ހުޅުވާލި މި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ މަތީ މަޖިލީހުގެ އާންމު މެންބަރުންގެ މަޤާމަށެވެ. އެގޮތުން އާންމު މެންބަރުންގެ 18 މަޤާމަށް 73 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން، އަންހެން މެންބަރުން ތަމްސީލްކުރާ 10 މަޤާމަށް 22 ކެންޑިޑޭޓުން އަދި ޒުވާނުން ތަމްސީލުކުރާ 7 މަޤާމަށް 13 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
ނައިބު ރައީސްގެ މަޤާމަށް 8 ބޭފުޅުން
ޕާޓީގެ ނައިބުރައީސްގެ ގޮތުގައި 6 ބޭފުޅަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، އެ މަޤާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރޭގައި 3 ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ އިތުރުން އެލްޖީއޭގެ ސީއީއޯ ހިމެނިވަޑައިގަންނަވައެވެ. މި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
-
- ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯސަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
- ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު،
- ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)،
- މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު،
- ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ،
- އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް.
އަންހެނުންނާއި ޒުވާނުންގެ ހަރަކާތުގެ މަޤާމުތައް ކަށަވަރުވުން
މި އިންތިޚާބުގައި 8 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް އެއް ކެންޑިޑޭޓެވެ. އެއީ އަންހެނުންގެ ހަރަކާތުގެ 4 މަޤާމާއި ޒުވާނުންގެ ހަރަކާތުގެ 4 މަޤާމެވެ. އެހެންކަމުން އެ މަޤާމުތައް ވަނީ އެ ބޭފުޅުންނަށް ކަށަވަރުވެފައެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސްކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ކަށަވަރުކުރެއްވި އިރު، ނައިބު ރައީސްކަން އާމިނަތު ހުސައިން ޝަރީފް، ސެކްރެޓަރީގެ މަޤާމު އާމިނަތު ނާސިހާ އަދި ހަޒާންދާރުގެ މަޤާމު އާމިނަތު ޝިޒްލީން (ޝިޒުމީން) ވަނީ ކަށަވަރުކުރައްވާފައެވެ. މީގެ އިތުރުން، ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަޤާމު އިބްރާހިމް އަބާން އަބްދުއްލަތީފަށް ކަށަވަރުވެފައިވާއިރު، ނައިބު ރައީސްކަން ހަސަން ޝަހީދު، ސެކްރެޓަރީގެ މަޤާމު އިސްމާއިލް އަޒްމީ އަދި ހަޒާންދާރުގެ މަޤާމު ކަށަވަރުކުރެއްވީ މުޙައްމަދު ރިފާޢު އެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ކުރިއަށްދާނީ މި މަހުގެ 15 އިން 18 އަށެވެ. އަދި މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަން ބޭނުންވާނަމަ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންނަ މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން ހުރިހާ އިސް މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ވެރިކަމެއް އޮންނަ ހާލަތްތަކުގައި ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެފަދަ ދަނޑިވަޅެއްގައި ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން، މި ދެ މަގާމަށް ކޮންގްރެސްގައި އިންތިހާބެއް ނޯންނާނެ އެވެ.
ޕީއެންސީގެ ޕީއެންސީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އެ ޕާޓީގެ ނައިބު ރައީސުންގެ އަދަދަކީ ހަތެކެވެ. ޕާޓީ ވެރިކަމުގައި އޮންނަ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީގެ ނައިބު ރައީސެއްކަމަށް ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފަވެއެވެ. އެހެންވެ އަންނަ ކޮންގްރެސްގައި އެޕާޓީން ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކުރާނީ ހަ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!