ރާއްޖޭގެ އިތުރު 20 ރަށެއްގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

"އިތުރު 20 ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ. 58 ތަނެއް ބިނާކުރުމުގެ މަސައްކަތްތައް މިހާރުވެސް އެބަ ކުރިއަށްދޭ. އަދި އިތުރު 30 ތަނެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވާނީ ދަންނަވާފައި" ޑރ. ޝަހީމް ވިދާޅުވެފަވެއެވެ.

ރޭ ފެށުނު ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ، މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވޭ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ އޮޑިޝަން ބުރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. މި އޮޑިޝަން ބުރުގައި ޖުމްލަ 2،742 ބައިވެރިން ކިޔަވާފައިވާއިރު، އޭގެ ތެރެއިން ސެމީ ފައިނަލް ބުރަށް 379 ދަރިވަރުން ވަނީ ހޮވިފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 11 ސެޕްޓެމްބަރު 2026 އިން 14 ސެޕްޓެމްބަރު 2026 އަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ސެޕްޓެމްބަރު 2026 އިން 17 ސެޕްޓެމްބަރު 2026 އަށެވެ.