އެއް ފަރާތެއްގައި ފަހާފޮށީގެ އަޑެވެ. އަނެއް ފަރާތުގައި އަވަނުން ބޭރުވަމުންދާ މީރު ކޭކުގެ ވަހެވެ. މޭޒުމަތީގައި ތައްޔާރުވަމުން އެ ދަނީ ހިތްގައިމު މާބޮނޑިއެކެވެ. މިއީ އެއް ފުރާޅެއްގެ ދަށުން ފެންނަ، ތަފާތު ތިން ފަންނެކެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެންމެ އަތެކެވެ. އެއީ އަމިއްލަ ހުނަރާއި، ބުރަ މަސައްކަތުން ނަމޫނާ ދައްކައި، ކުރިއަރަމުން، އަންނަ ށ. މިލަންދޫގައި މިހާރު ދިރިއުޅެމުންދާ، އެ ރަށު ދިލާސާގޭ ޙައްވާ ޔުމްނާ (ޔުމް)އެވެ.
ޔުމްގެ ހުނަރުން ފުރިގެންވާ ދަތުރުގެ އަސްލު ފެށުމަކީ ކޭކު އެޅުމެވެ. އޭރު، ގާތް ކުދިންގެ އުފަންދުވަސްތަކަށް މާލެއިން ގެންނަ ކުލަގަދަ ކޭކުތަކަކީ އޭނާގެ ހިތް އަތުލައިގަތް މަންޒަރެކެވެ. އެ ކޭކުތައް ފެންނަ ކޮންމެ ފަހަރަކު، ކޭކު ފަރުމާކޮއްފައިވާ ގޮތާއި ބައްޓަންކޮއްފައި ހުންނަ ގޮތަށް އޭނާގެ ލޯ އަމާޒުވަނީ، އެ ކޭކުތައް ތައްޔާރުކޮއްފައި ހުންނަ ފުރިހަމަކަން ފެނި، ދަސްކުރުމުގެ ޝައުޤުވެރިކަމުގައެވެ.
އަމިއްލަ އަތުން އޭނާ އެންމެ ފުރަތަމަ ކޭކެއް އެޅީ އުމުރުން 16 އަހަރުގައި އަމިއްލަ އުފަންދުވަހަށެވެ. އޭރު "އައިސިން"އަކީ ކޯއްޗެއްކަން ނޭނގޭ ހިނދު ވެސް ހަކުރު މުގުރައި، މާޖިރީނާއެއްކޮށްގެން އަމިއްލަ އުކުޅަކަށް، ކްރީމްގަނޑެއް އޭނާ އުފެއްދީ އެކަން ކުރާހިތްވާލެއް ބޮޑުކަމުންނެވެ.
ޔުމް ކޭކު ކޯހެއްގައި ކިޔަވައިދެނީ، ފޮޓޯ: ޔުމް ޑިލައިޓްސް
ޔުމްގެ ހިތުގައި ކޭކު އެޅުމަށް އޮންނަ ޝައުޤުވެރިކަމާއި،ލޯތްބާއި ފޯރި، އެންމެ ގާތުން ދުށީ އޭނާގެ ފިރިމީހާއެވެ. އެ ހުނަރަށް ދިރުން ދިނުމުގެ ގޮތުން، ރަށުގައި ހިންގި ކޭކު ކޯހެއްގައި ޔުމް ބައިވެރިވެރި ކުރުވީ ޔުމްއަށް ސިއްރުން އޭނާގެ ފިރިމީހާއެވެ.
ކޭކު އެޅުމުގެ ހަޤީޤީ ހުނަރުތަކާއި އުކުޅުތައް އޭނާއަށް ދަސްވީ އެ ކޯހުގެ ތެރެއިންނެވެ. އެ ކޯސް ނިމުމުން ވެސް އޭނާގެ ފިރިމީހާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ކޭކު އެޅުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދައިދީ، ޔުމްގެ އަތުގައި ހިފައިގެން ކޭކުގެ ކުލަގަދަ ދުނިޔެއަށް އޭނާ ނެރެދިން ޙަޤީޤީ މޭސްތިރިއަކީ އޭނާގެ ލޯބިވާ ފިރިމީހާއެވެ.
ޔުމް އަޅާފައިވާ ކޭކެއް، ފޮޓޯ: ޔުމް ޑިލައިޓްސް
އެއަށްފަހު، އޭނާ އެޅި އެންމެ ޚާއްސަ ކޭކަކީ ފުރަތަމަ ދަރިފުޅުގެ އުފަންދުވަހުގެ ކޭކެވެ. ޕާޓީއަށް މެހެމާނުން، ކޭކަށް އިންސާފުކޮއްފައި ބުނާނެ އެއްޗެއް ނޭނގޭތީ ޕާޓީގައި ހުރި އިރު ވެސް ޔުމްގެ ހިތް ނުތަނަވަސްކަމުން ފުރިގެން ދިޔައެވެ. ނަމަވެސް އެ ނުތަނަވަސްކަން ބަދަލުވީ އުފާވެރިކަމަށެވެ. އެ ކޭކުގެ މީރު ރަހައާއި، ރީތިކަން ފެނި، އޭނާއަށް ފުރަތަމަ ކޭކު އޯޑަރު ލިބުނީ ވެސް އެ ޕާޓީއަށް ފަހުގައެވެ. އޭނާގެ ކުޑަކުޑަ ޝައުޤު، ވިޔަފާރިއަކަށް ބަދަލުވި ތާރީޚީ ސަބަބަކީ އެއީއެވެ.
ޔުމްގެ މަސައްކަތެއް، ފޮޓޯ: ޔުމް ޑިލައިޓްސް
ފެހުމުގެ ހުނަރަކީ ވެސް ޓީނޭޖް އުމުރުގައި، ޔުމްގެ ދޮންތަމެން ފަހައި އުޅުނު ހެދުންތަކުގައި ފަތިޖަހަމުން ވަދެވުނު ދާއިރާއެކެވެ. އަމިއްލައަށް ހެދުން ފަހަން ފެށި ހިސާބުން ކައިވެންޏަށްފަހު، އޭނާއަށް ދެވުނީ، މެދުކެނޑުމެއްނެތި ފަހާފޮށީގެ އަޑު ގުގުމަމުން ދިޔަ ގެއަކަށެވެ. އެ މާހައުލުން އެކަމަށް ފަރިތަވެ، އަންހެން ދަރިޔަކު ލިބުނު ފަހުން، އެ ދަރިފުޅުގެ ކޮންމެ ޚާއްސަ ދުވަހަކަށް ހެދުން ފަހަނީ ޔުމްއެވެ. މީހުންގެ ލޮލުގައި ޔުމްގެ ފެހުންތައް އަޅައިގަތީ އެ ހިސާބުންނެވެ. ދުވަސްތަކެއް ވަންދެން ކުޑަކުދިންގެ ހެދުމާއި އަބާޔާ ފަދަ ހެދުން އޭނާ ފަހައިއުޅުނެވެ.
ޔުމް ފަހާފައިވާ ކުޑަކުދިންގެ ހެދުމެއް، ފޮޓޯ: ޔުމް ޑިލައިޓް
މިހާރު ޔުމްއަކީ ސޭޝްއާއި ބިޝްޓް ފެހުމުގައި ބޮޑުތިލަދުންމަތީގެ މަޝްހޫރުކަން ހޯދަމުން އަންނަ ކުޅަދާނަ ކަނބަލެކެވެ.
މިލަންދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ މެމްބަރުންނާއި ޑަބްލިޔުޑީސީ މެމްބަރުންގެ ވަދާއީ ހަފްލާގައި ޔުމް ތައްޔާރުކޮށްދީފައިވާ ސޭޝް އަޅައިގެން
ޔުމްގެ ހުނަރުވެރިކަމުގެ ތެރެއަށް އިތުރުވި އަނެއް ފަންނަކީ ބޮކޭ ހެދުމެވެ. އަމިއްލަ ޚިޔާލަށް ހެދި ޗޮކްލެޓްބޮކޭއަކަށް އެންމެންގެ ހިތް ދަމައިގަތުމުން، އިތުރަށް، ޔޫޓިބުގެ އެހީގައި އެ ހުނަރު އޭނާ އިތުރަށް ފަރިކޮއްލިއެވެ. ޗޮކެލެޓާއި މަލާއި، ފައިސާގެ ބޮކޭތަކުގެ އިތުރުން ކަސްޓަމަރުން އެދޭ ގޮތަށް ތަފާތު ވައްތަރުތަކުގެ ބޮކޭ އޭނާ ހަދައެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓް މުބާރާތުގެ ސެކެންޑް ރަނަރަޕްކަން ހޯދި މިލަންދޫ ޝާނީ އަށް މަރުހަބާ ކިޔާފައި ވަނީ ޔުމްގެ ބޮކޭއަކުން
ހަމައެކަނި ކޭކާއި ބޮކޭއިން ވެސް އޭނާގެ އަތްތެރި މަސައްކަތްތައް ނިމުނީކީނޫނެވެ. ކައިވެނީގެ ރަނާއި، ފްލާވަރ ބޭންޑް، ހެއަރ ކްޕިލްގެ އިތުރުން އެންވެލޮޕްބޮކްސް އަދި ކޯޓުގައި ޖަހާ ބުޓްނިއާ މާކޮޅުތަކުން ގޮސް، ބެނާއާއި ޕިން ކުޝަންފަދަ އެއްޗެއްސަކީ ވެސް އޭނާގެ އަމިއްލަ ޚިޔާލުތަކުގެ މައްޗަށް އުފައްދާފައިވާ މޮޅު އުފެއްދުންތަކެވެ.
ޔުމް ތައްޔާރުކޮށްފައިވާ ބިޝްޓް އެއް
ޔުމްގެ އުފެއްދުންތައް ހަމައެކަނި އޭނާ ދިރިއުޅޭ ރަށުގައި ހިފެހެއްޓޭވަރަށް ވުރެ މާ ފުޅަލެވެ. "ޔުމް ޑިލައިޓްސް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވައި، ވިޔަފާރީގެ ދޮރުތައް މުޅި ރާއްޖެއަށް އޭނާ ހުޅުވާލިއެވެ. މިއަދު ރާއްޖޭގެ އެކި ހިސާބުތަކުން އޭނާއަށް ލިބޭ އޯޑަރުތަކުން ޔުމްގެ އުފެއްދުންތަކަށް މިވަނީ ބޮޑު އިތުބާރެއް ހޯދާފައެވެ.
މަސައްކަތަށް ބޭނުންވާ ސާމާނު ރަށުން ލިބެން ނެތުމަކީ ޔުމްގެ މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހެވެ. ކަސްޓަމަރުންގެ ފަރާތުން ކިތަންމެ ބޮޑު ތަރުޚީބެއް ލިބުނު ނަމަވެސް، ބޭނުންވާ ސާމާނު ރަށުން އަތު ނުޖެހި، އޯޑަރުތައް ކެންސަލް ކުރަން ޖެހޭ ކޮންމެ ފަހަރަކު އޭނާ ނުހަނު ދެރަވެއެވެ. އޭނާގެ ދާއިމީ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުން ވެސް ޔުމްއަށް މުހިއްމެވެ. ކޮންމެ ކަސްޓަމަރެއްގެ އުއްމީދާ އެއްވަރަށް ރަނގަޅު ޚިދުމަތެއް ފޯރުކޮއްދެވުމަކީ ޔުމްގެ އެންމެ ބޮޑު އަމާޒެވެ.
ޔުމްގެ އާއިލާ،
އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ ބުރަ މަސައްކަތުގެ ތެރެއިންވެސް ޔުމްގެ ހިތުގައި ރަށާއި ވިޔަފާރިއަށް އޮތީ ޚާއްޞަ ލޯތްބެކެވެ. ރަށުގައި ހިންގާ އިޖްތިމާޢީ މަސައްކަތްތަކުގައި އޭނާ ވަގުތު ހޭދަކުރާނީ އުފަލާއެކުއެވެ. ދަރިންގެ ޙައްޤުގައި، ޚިދުމަތެއް ކޮއްދިނުމަށްޓަކައި، ސްކޫލްގެ ޕީޓީއޭގެ ނައިބްރައީސާއަކަށް ވެސް ޔުމް މީގެ ކުރިން މަސައްކަތް ކުރިއެވެ. އަދި އޭނާއަކީ މިހާރު މަމްސް އެއިޑްގެ މިލަންދޫ ގޮފީގެ އެޑްމިންއެވެ. އޭގެ އިތުރުން ކުޅިވަރުގެ މައިދާނުގައި އޭނާއަކީ ހޭންޑްބޯލް ޓީމެއްގެ ކޯޗެކެވެ. އޭގެ އިތުރުން ވެސް ރަށުގައި ކޭކު ކޯސްތައް ހިންގާ، ހުނަރުވެރި ދަރިންތަކެއް ބިނާ ކުރަން ޔުމް އަބަދުވެސް ބޭނުންވެއެވެ. ޔުމްގެގެ ފަރާތުން ހުނަރު ދަސްކޮއްގެން އަމިއްލަ ފައިމައްޗަށް ތެދުވެ، ވިޔަފާރިއެއް ފަށައިގެން ބައެއް ކުދިން އުޅޭތަން ފެނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ޔުމް ތައްޔާރުކޮށްދީފައިވާ ސޭޝްތަކެއް
ޔުމްގެ އެންމެ ބޮޑު ހުވަފެނަކީ، ރަށުން ބޭރުގައި ވެސް ކޭކު ކޯސްތައް ހިންގައި އެ ދާއިރާއިން މީހުން ބިނާ ކުރުމެވެ. ޔުމްގެ ފަންނީ ދުނިޔޭގައި، އޭނާއަށް އެންމެ ގާތުން އެހީތެރިވެދެނީ ލޯބިވާ ފިރިމީހާއާއި، ދެ ފަރާތުގެ އާއިލާއެވެ. ދަރީންގެ ޅަ ފަތުގައި ފެށުނު މި މަސައްކަތްތަކާއެކު ވެސް ހިތްވަރާއެކު ހެޔޮލަފާ ކުދިންތަކެއް ބޮޑެތި ކުރެވުނީ ފިރިމީހާއާއި އާއިލާގެ އެއްބާރުލުމާއެކުގައިކަން ޔުމް ޤަބޫލުކުރެއެވެ.
ޔުމްގެ މަސައްކަތެއް
ޔުމްގެ ކާމިޔާބީގެ ވާހަކަ ނިންމާލި އިރު އޭނާގެ އެންމެ ބޮޑު ޝުކުރެއް އޮތީ ހުވަފެންތަކުގައި ކުލަ ޖައްސައިދިން ލޯބިވާ ފިރިމީހާއަށާއި އެއްބާރުލުން ދިން އާއިލާއަށެވެ. އަދި ހިތްވަރު ދިން އެކުވެރިންނާއި އިތުބާރުކުރި ހުރިހާ ކަސްޓަމަރުންނަށެވެ.
ވިޔަފާރީގައި ކުރިއަށް ދާން އެދޭ ކޮންމެ މީހަކަށް ވެސް ޔުމް ދޭ މެސެޖް ވަަރަށް ސާފެވެ. ކާމިޔާބީގެ އަސްލަކީ ކޮލެޓީ ހިފެހެއްޓުމެވެ. އުފައްދާ ކޮންމެ އެއްޗެއް ވެސް އެއް ފެންވަރެއްގައި ފަރުވާތެރިކަމާއެކު ތައްޔާރު ކުރުމަކީ، މިއަދު ޔުމްޑިލައިޓްސް މިހިސާބަށް ގެނެސްދިން ހަޤީޤީ ބާރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!