ހދ.ކުޅުދުއްފުށި ސިޓީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް އަމަލެއް ނުކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮއްފިއެވެ.
ހަމައެއާއެކު، ކުޅުދުއްފުށީގެ ހޭޅިފަށާއި، ކުޅި އަދި ޗަސްބިންތަކުގެ ރުއްގަހާއި، އެ ރަށުގެ ފެހިކަމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އެ ސަރަހައްދުތައް ޙިމާޔަތް ކުރުމުގެ މުޙިއްމުކަން، އާއްމުންގެ ސަމާލުކަމަށް ގެންނަމުން، އެ ކައުންސިލުން ފާހަގަ ކޮއްފައިވާ ގޮތުގައި، ހޭޅިފަށުގެ ގަސްގަހާގެއްސަކީ ރަށުގެ އައްސޭރިފަށް ހިފަހައްޓައިދީ، ރަށްގިރުމާއި ވައިގެ ބާރާއި ލޮނުގެ އަސަރުން ރަށް ސަލާމަތްކޮށްދޭ ދިފާޢެކެވެ. އަދި ކުޅި އާއި ޗަސްބިންތަކަކީ، ވާރޭފެން ހިންދައިދީ، ރަށުތެރޭގައި ފެންބޮޑުވުމުގެ އަސަރު ކުޑަކޮށްދީ، ނެތެމުންދާ ޚާއްސަ ދިރުންތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ފޯރުކޮށްދޭ، އަމާން ރައްކަލެކެވެ.
މީގެއިތުރުން އެ ކައުންސިލުން ބުނެފައިވަނީ މި ސަރަޙައްދުތަކުގެ ތިމާވެށީގެ ޙާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، މިހާރު ފެންނަންހުރި ގަސްގަހާގެހި ހިމާޔަތްކުރުމަކީ، ކޮންމެހެން ކުރަންޖެހިފައިއޮތް، އެހާމެ މުހިއްމު ކަމެއްކަމަށެވެ.
އެހެންކަމުން މި ސަރަޙައްދުތައް ހިމާޔަތްކޮށް، ރައްކާތެރި ކުރުމުގެ މަޤްޞަދުގައި، ކައުންސިލުންވަނީ އުޞޫލުތަކެއް އެކުލަވާލައިފައެވެ.
އެ ގޮތުން، ރަށުގެ ހޭޅިފަށާއި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ރުއްގަސް ކެނޑުން މަނާކޮށް، އެފަދަ ތަނެއްގައި އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން، ކައުންސިލްގެ ހުއްދަ ހޯދުމަށް ކައުންސިލުން އިލްތިމާސްކޮއްފައިވެއެވެ. މީގެއިތުރުން ރަށުގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް ޢަމަލެއް ނުކުރެއްވުމަށާއި، ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!