ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގެ ސަބަބުން އުމުރުން ދުވަސްނުވެ މަރުވާ މީހުންގެ ނިސްބަތް ދަށްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސްޑީޖީ)، 2030 ގެ ކުރިން ހާސިލްކުރި ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ހަމައެކަނި ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.

މީގެއިތުރުން ވިހެއުމުގެ ތެރޭގައި މައިންނާއި ޅަދަރިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވިފައިވާތާ 10 އަހަރު ދުވަސް ހަމަވެ، އެކަމުގައި ދެމިއޮތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮމިޓީގެ 79 ވަނަ ސެޝަންގެ ތެރެއިން، މެމްބަރު ގައުމުތަކުން ސިއްހީ ދާއިރާއިން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ފާހަގަކޮށް ވަނީ އެވޯޑު ދީފައެވެ. މި އެވޯޑުތައް ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނަށާއި ވަފުދުތަކުގެ އިސްވެރިންނަށް އެރުއްވީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިއޭސުސް އެވެ.

ރާއްޖެއަށް ލިބުނު މި ބޮޑު ކާމިޔާބީއާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ބުނީ، މިއީ ސަރުކާރާއި މުޅި މުޖުތަމައު ގުޅިގެން މެދުކެނޑުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ މި ލަނޑުދަނޑި މުއްދަތުގެ ކުރިން ހާސިލްކުރެވުނު ސަރަހައްދުގެ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ހޯދި ބޮޑެތި ކާމިޔާބީތައް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓިމޯ-ލެސްޓޭ އިން ލޮލުގެ ބައްޔެއް ކަމަށްވާ ޓްރެކޯމާ ނައްތާލުމާއި، ކުއްތާގެ ފަރާތުން އިންސާނުންނަށް ޖެހޭ ރޭބީސް ނައްތާލި ދެވަނަ ގައުމަކަށް ބޫޓާން ވުމާއި، ތައިލެންޑުން ރުބެއްލާ ނައްތާލުން ހިމެނެއެވެ. އަދި ވިހެއުމުގެ ތެރޭގައި ޓެޓަނަސް ޖެހުން ނައްތާލުމުގައި 10 އަހަރު ދެމިއޮތް ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އުތުރު ކޮރެއާ، އިންޑިއާ، ނޭޕާލް، ސްރީލަންކާ، ތައިލެންޑް އަދި ޓިމޯ-ލެސްޓޭ ހިމެނެއެވެ.

ޑަބްލިޔުއެޗްއޯ ސައުތު އީސްޓް އޭޝިއާ ރީޖަނުން ވަނީ މި ކާމިޔާބީތައް ހޯދި ހުރިހާ މެމްބަރު ގައުމުތަކަށް މަރުހަބާ ކިޔައި، ސަރަހައްދުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް އެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ.