ހޮރުމުޒް ކަނޑުއޮޅީގެ ބޭރުން އެމެރިކާގެ އަސްކަރީ ސަބްމެރިން ޑްރޯނެއް އަތުލައިގެންފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަންގާރަ ދުވަހު ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގަތީ އެމެރިކާގެ ކެލިފޯނިއާގެ ދިފާއީ ކުންފުންޏެއް ކަމަށްވާ "އެންޑުރިލް" އިން އުފައްދާފައިވާ "ޑައިވް-އެލްޑީ" މޮޑެލްގެ އަޑިއަށްދާ އޮޓޯނޮމަސް އުޅަނދެކެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ރިވޮލިއުޝަނަރީ ގާޑްސް ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ "ޓެރަރިސްޓް" އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި އިންޓެލިޖެންޓް، އިންސާނަކު ނެތި ދުއްވާ ސަބްމެރިންތަކުގެ ތެރެއިން ސަބްމެރިނެއް ހޮރުމުޒް ކަނޑުއޮޅީގެ މައި ދޮރާށި ކައިރިން އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި އެ އުޅަނދަކީ އެންމެ ފަހުގެ ނިއު-ޓެކްނޮލޮޖީ ހަރުކުރެވިފައިވާ އުޅަނދެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އީރާނުގެ މި ކާމިޔާބީއާއި ގުޅިގެން އެމެރިކާއިން ވަނީ އެއީ ހަލާކުވެފައިވާ ބާ އުޅަނދެއްކަމަށް ބުނެ ބަލިން ރެކެން ބަހަނާ ދައްކާފައެވެ. މިގޮތުން އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނަކު ބުނީ، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުތައް ސަވޭ ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އެމެރިކާގެ ކަނޑުއަށި ޑްރޯނަކަށް މައްސަލައެއް ޖެހި ހަލާކުވީ މީގެ ސައުވީސް ގަޑިއިރަށްވުރެ ގިނައިރު ކުރިން ކަމަށެވެ. އަދި މައްސަލަ ޖެހުނު އެ ޑްރޯނަކީ ބާ މޮޑެލެއް ކަމަށާއި، އޭގައި އެއްވެސް ނާޒުކު މައުލޫމާތެއް ނުވަތަ ސިއްރު ސޯނާ ނުވަތަ ރާޑަރު އާލާތެއް ހަރުކޮށްފައި ނުވާނެ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.
އެންޑުރިލް ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، 19 ފޫޓު (5.8 މީޓަރު) ހުންނަ "ޑައިވް-އެލްޑީ" މޮޑެލްގެ ސަބްމެރިންއަކީ މައި ބޭސަށް އެނބުރި ނުގޮސް 10 ދުވަސް ވަންދެން މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި ކަނޑުގެ 6،000 މީޓަރު (19,700 ފޫޓު) އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ މައިން ސާފުކުރުމާއި، ކަނޑުގެ އަޑި މެޕުކުރުމާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ އިތުރުން ކަނޑުއަޑީގެ ކޭބަލްތަކާއި ޕައިޕްލައިންތައް ފަދަ ވަސީލަތްތައް ބަލައި ފާސްކުރުމުގެ މިޝަންތައް ފުރިހަމަކުރުމަށް އުފައްދާފައިވާ އުޅަނދެކެވެ.
އަސްކަރީ ހަބަރުތައް ގެނެސްދޭ "ޑިފެންސް ސުކޫޕް" އިން 2024 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި "ޑައިވް-އެލްޑީ" ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ކަނޑުގެ ބޮޑެތި ސަރަހައްދުތައް ބެލެހެއްޓުމަށާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށާއި، ވާދަވެރި ގައުމުތަކުގެ އުޅަނދުތަކާއި ސަބްމެރިންތައް ޓްރެކްކުރުމަށް ސިފައިންގެ ފުރާނައަށް ނުރައްކާނުކޮށް ބޭނުންކުރެވޭނެ ހަރަދު ކުޑަ ވަސީލަތްތަކެއްގެ ގޮތުގައި ކަނޑުއަޑީގައާއި ކަނޑުގެ މަތީގައި ދުއްވާ އޮޓޯނޮމަސް އުޅަނދުތަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.
އީރާނުން ކުރާ މި ދައުވާއާ ގުޅޭގޮތުން ޕެންޓަގަންގެ ބަޔާނުގައި އީރާނުގެ ދައުވާއަށް ސީދާ ރައްދެއް ދީފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ބޭރުގެ ބައެއް މީޑިއާތަކުން އެދުމުން އުޅަނދު އުފެއްދި އެންޑުރިލް ކުންފުނިންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަންކަމަށްބަލާއިރު އީރާނުގެ މިދައުވާއަކީ ތެދެއްކަމަށް ވަނީ ބެލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!