ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ވިޔަފާރި މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި މި މައުރަޒަށް އާންމުންގެ ތަރުޚީބު ލިބިފައިވާކަމަށް އެ ރަށު އތމ ކޮމެޓީން މައުލޫމާތުދެއެވެ.
މަކުނުދޫ އތމ ކޮމެޓީގެ ރައީސާ ޝަހްމާ އާދަމް "ތިލަދުން"އަށް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ޢާންމުން މަޢުރަޒަށް ޒިޔާރަތްކޮށް ވިޔަފާރިކޮށްފައިވާއިރު، އެންމެ ބޮޑު ތަރުޙީބެއް ލިބިގެންދިޔައީ 'ޓައިނީ ޑިލައިޓް އެމްވީ' އަދި 'ބޭކާސް އައިޑިއާ' ގުޅިގެން ނެރުނު ސްޓޯލަށެވެ.
އެ ސްޓޯލުގައި ޕޭސްޓްރީ، ބާބަކިޔު ސްޓިކް، މިނީ ބާގަރ، ސޭންޑްވިޗް އަދި މިނީ ޕިއްޒާ ފަދަ ތަފާތު މީރު ކާބޯތަކެތީގެ ބާވަތްތައް ވިއްކަން ހުއްޓެވެ.
މީގެއިތުރުން ފެހުންތެރިންނާއި، ތަފާތު ވައްތަރުތަކުގެ ކާބޯތަކެތި އުފަައްދާ ފަރާތްތަކާއި، އަތްތެރިމަސައްކަތް ކުރާ ފަރާތްތަކުން ވެސް މި މައުރަޒުގައި ބައިވެރިވެފައިވާކަމަށް ޝަހުމާ މައުލޫމާތު ދެއްވިއެވެ.
މި ވިޔަފާރި މައުރަޒަށް ލިބުނު ބޮޑު ތަރުޚީބާއެކު އަންނަ އަހަރު ވެސް މި ފަދަ ވިޔަފާރި މައުރަޒެއް ބޭއްވުމަށް ރާވަމުން ދާކަމަށް އެ ކޮމެޓީން މައުލޫމާތު ދިނެވެ.
މީގެއިތުރުން، މި މަޢުރަޒާމެދު ޢާންމުން ދެކޭގޮތާއި، ޚިޔާލު ހޯދުމަށްޓަކައި ޚާއްޞަ ފޯމެއް (އ.ތ.މ ކޮމިޓީގެ ވިޔަފާރި މައުރަޒު 2026 ( އާއްމުންގެ ޚިޔާލުހޯދުން މިހާރު ވަނީ އެ ކޮމެޓީން އާއްމުކޮއްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!