ޔަމަންގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށާއި އިގުތިސާދީ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
މިކަން ހާމަކޮށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހޫތީންގެ ހަމަލާތަކުގައި އާންމުންގެ މީހުން މަރުވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއަދު ދިން ހަމަލާތަކުގައި އެކަނިވެސް 73 މީހަކު ޒަހަމްވެފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާއިން ޔަމަނަށް ހަމަލާތައް އަލުން ދޭން ފެށިތާ ދުވަސްތަކެއް ވެފައިވާ އިރު، ހޫތީން ވަނީ އެ ގައުމާ ދެކޮޅަށް ދޭ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ސައުދީގެ ތެލުގެ ސިނާއަތުގެ ތަންތަނަށާއި އިގުތިސާދީ މުހިންމު އެހެނިހެން ތަންތަނަށް ފުލުފުލުގައި ހަމަލާތައް އަންނަނީ ދެމުންނެވެ.
ހޫތީ ޖަމާއަތުން ސައުދީއަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ސަރަހައްދުތަކުގެ ތެރޭގައި އެ ގައުމުގެ އަބްހާ، ކާމިސް، މުޝައިތު، ޖަޒާން އަދި ނަޖްރާން ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހޫތީންގެ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ. އަދި އެއާއެކު މުޅި ސަރަހައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސައުދީ އަރަބިއްޔާ އިސްތިގުލާލު ރައްކާތެރިކޮށް ދިފާއީ ގޮތުން އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއިދުކުރާނެ ކަމަށެވެ. އަދި ރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާއެކު ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!