ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫން ކަމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް މި މޭރުމުން ވާހަކަފުޅުދެއްކެވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިނގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިނގަމުންދާ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށައި، އެ ދައުރުގެ ތެރޭގައި އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުޞަތަކީ މީގެކުރިން ދެވިފައިވާ ފުރުޞަތެއް ނޫންކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ފްލެޓްތަކެއް އިމާރާތްކޮށްގެން ނޫން ކަމަށާއި، ލުއިފަސޭހަ ގޮތުގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް، ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މާލޭ ސަރަޙައްދުގައި އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމާ ގުޅުންހުރި ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުތައްވެސް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!