އެކުވެނިވި ދައުލަތްތައް (އދ.) އިން ދުނިޔޭގެ ޗާޓު ކުރަހާފައިވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް "ކޮރެކްޓް ދަ މެޕް" ގެ ނަމުގައި ހުށަހެޅި ގަރާރު އާންމު މަޖިލީހުން ހުކުރު ދުވަހު ނެގި ވޯޓުގައި 164 ގައުމަކުން މި ގަރާރަށް ތާއީދުކޮށްފައިވެއެވެ. ދެކޮޅަށް ވޯޓުދިނީ އެންމެ ގައުމަކުންނެވެ. މި ގަރާރާއެކު، ބިންތަކުގެ ހަގީގީ ބޮޑުމިން އިންސާފުވެރިކޮށް ދައްކައިދޭ "އީކުއަލް އާތު" ފަދަ ޕްރޮޖެކްޝަންތަކަށް އދ. އިން ވަނީ ރަސްމީ ކޮށް ތާއީދު ކޮށްފަ އެވެ.
މި ޗާޓުގައި، އަފްޣާނިސްތާނުން ފެށިގެން މިއަންމާއަށް، އަދި ސްރީލަންކާއާއި ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދާއި އެފްރިކާ އަދި ލެޓިން އެމެރިކާގެ ބޮޑުމިން މާކޭޓާ ޗާޓަށްވުރެ ބޮޑުކޮށް އަދި ނިސްބަތުން ރަނގަޅަށް ފެންނަން ހުރެއެވެ. މި ބަދަލުގެ ސަބަބުން ގައުމުތަކުގެ ސަރަހައްދީ އިމަކަށް ނުވަތަ އާބާދީއާއި އިގްތިސާދީ އަދަދުތަކަކަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، ޒަމާނުއްސުރެ ބޭނުންކުރަމުން އައި "މާކޭޓާ" ޗާޓުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ބޮޑުމިނާ މެދު އުފެދިފައިވާ ކުށްހީތައް ނައްތާލުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެކެވެ. 1569 ވަނަ އަހަރު ކަނޑުދަތުރުފަތުރަށް ހާއްސަކޮށްގެން އުފެއްދި މާކޭޓާ ޗާޓުގައި އިކުއޭޓަރާ ދުރަށް ދާވަރަކަށް ބިމުގެ ބޮޑުމިން އޮޅުންބޮޅުންވެ، ވިލާތުގެ ގައުމުތަކާއި ރަޝިއާ، ކެނެޑާ އަދި އެމެރިކާގެ އުތުރުގެ ސަރަހައްދުތައް ހަގީގީ ބޮޑުމިނަށްވުރެ މާ ބޮޑުކޮށް ދައްކައެވެ.
މާކޭޓާ ޗާޓުގެ ސަބަބުން އިކުއޭޓަރު ކައިރީގައިވާ ސަރަހައްދުތައް ކަމަށްވާ އެފްރިކާ، ދެކުނު އެމެރިކާ އަދި ދެކުނު އޭޝިއާގެ ގައުމުތައް ފެންނަނީ އެ ގައުމުތަކުގެ ހަގީގީ ބޮޑުމިނަށްވުރެ މާ ކުޑަކޮށެވެ. އދ. ގެ ގަރާރުގައި ބުނެފައިވާ ގޮތުގައި، މި ދުވަސްވީ ކުށުގެ ސަބަބުން އިކުއޭޓަރު ކައިރީގެ ގައުމުތަކުގެ ހަގީގީ ސައިޒު ވަނީ ވަރަށް ބޮޑަށް ކުޑަކޮށް ދައްކާފައެވެ. ނަމަވެސް، "އީކުއަލް އާތު" ޗާޓާއެކު ދުނިޔޭގެ ބިމުގެ ނިސްބަތް އޭގެ ހަގީގީ މިންގަނޑަށް ބަދަލުވެގެންދާނެއެވެ.

"އީކުއަލް އާތު" ޕްރޮޖެކްޝަނަކީ 2018 ވަނަ އަހަރު ކާޓޯގްރާފަރުން ކަމަށްވާ ބޯޔަން ޝާވްރިޗް، ބާންހާޑް ޖެނީ އަދި ޓޮމް ޕެޓަސަން ތަރައްގީކުރި ޗާޓެކެވެ. މިއީ މާކޭޓާ ޗާޓުގައި ހުރި ނިސްބަތުގެ ކުށްތައް ރަނގަޅުކޮށް، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ބައްޓަން ނުގެއްލޭ ގޮތަށް ބިމުގެ ހަގީގީ ބޮޑުމިން ދެއްކުމަށް ތައްޔާރުކުރި ޗާޓެކެވެ.
އދ. ގެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޗާޓުތަކަކީ ތައުލީމު ފޯރުކޮށްދިނުމާއި، އުފެއްދުންތެރި ހިޔާލުތައް އުފެއްދުމާއި، އަދި އެންމެންގެ އާންމު ވިސްނުމަށް އަސަރުފޯރުވާ މުހިންމު ވަސީލަތެކެވެ. ދެކުނު އޭޝިއާގައި 1.8 ބިލިއަނާއި 2 ބިލިއަނާ ދެމެދުގެ އާބާދީއެއް ދިރިއުޅެމުންދާއިރު، އައު ޗާޓުގެ ސަބަބުން ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަޝްރަހުގައި "ގްލޯބަލް ސައުތު" ނުވަތަ ދެކުނުގެ ގައުމުތަކުގެ ދައުރު މާ ސާފުކޮށް ދައްކައިދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ވިލާތާއި ރަޝިއާގެ ބޮޑުމިން މާ ބޮޑުކޮށް ދެއްކުމުގެ ބަދަލުގައި، ހަގީގީ ނިސްބަތް ފެންނަން ހުރުމުން އަޅާކިއުންތަކަށް ބަދަލުއަންނާނެއެވެ.

މި ގަރާރާއެކު ގައުމުތަކުގެ ތައުލީމީ މަންހަޖުތަކާއި، ފޮތްތައް އަދި ޑިޖިޓަލް ޗާޓުތައް އީކުއަލް އާތު މިންގަނޑަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ ސަރީހަ ރެފަރެންސެއް ވަނީ ލިބިފައެވެ. ޚާއްޞަކޮށް ސްކޫލްތަކާއި މީޑިއާތަކުގައި ބޭނުންކުރާ ޗާޓުތައް ބަދަލުވުމުން، އާންމުންގެ ހިތްތަކުގައި ދުނިޔޭގެ ޖިއޮގުރާފީ ބައްޓަމާއި ގައުމުތަކުގެ ހަގީގީ ސައިޒާމެދު އޮތް ތަސައްވުރު އެކީ ބަދަލުވެގެންދާނެކަމަށް އދ. އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!