ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލެވޭނެ އެއްވެސް ''ފަންޑިތައެއް ނުވަތަ ސިހުރުހާހޫރައެއް'' ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމަކަށް އެނގިވަޑައެއްނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
d

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވަނީ "ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮށްޓެއް" ކަމަށް ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ސިފަކުރެއްވުމުން ފެންނަނީ އެ މަނިކުފާނުގެ ބޮޑާކަން ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީނަކީ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 21 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެއްކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާއަކަށް އެ މަގާމުގެ ނަން ގެންނަން ނުކެރޭ ހިސާބަށް ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ފެންވަރު ދިޔުމުން އެނގެނީ އެ ބޭފުޅެއްގެ ހިތުގައި ހަސަދަވެރިކަން އަށަގެންފައި އޮތް މިންވަރު ކަމަށެވެ.

"ހަސަދަވެރިކަން ނޫން އެހެން ކޮން ކަމެއްތޯ މިއީ،" އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނުނިމޭ ކަމަށާއި ނިމުނީ ރައީސް ޔާމީންގެ ވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔާމީންގެ ވެރިކަން ނިމުނީ ''ބޮޑާކަމާއި، ކިބުރުވެރިކަމާއި، ނުލަފާކަމާއި، ބަސްނޭހުމުގެ އިތުރުން އަދުލުއިންސާފު ގާއިމްނުކުރުމާއި، އަނިޔާވެރިވުމާއި، ހިޔާނާތްތެރިވުމާއި ދިވެހިރައްޔިތުންގެ ބޭތުލްމާލު ދިރުވާލުމުން ކަމަށްވެސް'' އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވީ ރައީސް މުއިއްޒުގެ އަރިހުގައި "ގަދަކޮށް ނޫން ކަމަށް" ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް އަބްދުއްރަހީމް ވަނީ ރައްދު ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ޕީއެންސީ މެންބަރުން ތިއްބެވީ ޔާމީންގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުން ތިއްބެވި ގޮތަކަށް ނޫން ކަމަށާއި، އެ މެންބަރުން ތިއްބެވީ އިހުލާސްތެރިކަމާއެކު ރައީސް މުއިއްޒާއެކު "ގަދަކޮށް" ކަމަށެވެ.

Ad
df

ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލަން ހަދާނެ އެއްވެސް ފަންޑިތައެއް އަދި ސިހުރުހާހޫރައެއް ރައީސް ޔާމީނަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިއްބެވީ ވަރަށް ގަދަކޮށް އިހުލާސްތެރިކަމާއެކު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން، ޕީއެންސީގެ އިސް ބޭފުޅުންނާމެދު ރައީސް ޔާމީން ހިތްހަމަޖެހިވަޑައިނުގަންނަވަނީ އެ މަނިކުފާނު ނޫން ބޭފުޅަކަށް ވެރިކަން ހޯދައިދޭން ކެމްޕެއިން ކުރެއްވުމުން ކަމަށްވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.