ށ. ޅައިމަގު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް އެއްވެސް ސަބަބެއްނެތި ވަކި ކުރިކަމަށްބުނެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފިއެވެ.
މިކަމާގުޅިގެން ޅައިމަގު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ، ތަޖުރިބާ ހުރި، ޤާބިލް މުވައްޒަފުންތަކެއް ހަރުދަނާ އެއްވެސް ސަބަބެއް ނެތި، އަދި ސުލޫކީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން އެ ފަރާތްތައް ވަކި ކުރުމުން އެ ކަައުންސިލުން ކަންބޮޑުވާކަމަށެވެ. އަދި ފެނަކަ ބްރާންޗްގައި ދިގުމުއްދަތަކަށް ޚިދުމަތްކޮށް، ރަށުގެ ފަންނީ އެކިއެކި ކަންކަމުގައި ބައިވެރިވެ، ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮއްދެމުން ދާ ހީވާގި މުވައްޒަފުންތަކެއް ވަކިކުރުމަކީ ފެނަކަ ބްރާންޗަށާއި، ޅައިމަގުގެ ތަރައްޤީއަށް ފަހަތަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ، އެ މުވައްޒަފުންގެ އާއިލާތަކަށް ލިބޭ އަނިޔާއެއްކަމަށް ބުނެ، އެ ފަރާތްތަކަށް އިންސާފު ހޯދައިިދިނުމަށް އެދި ކަމާބެހޭ އެންމެހާ ފަަރާތްތަކަށް އެ ނޫސްބަޔާނުގައި ގޮވާލައިފައިވެއެވެ.
ޕީސީބީ އާއި ސަރުކާރުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް ރައިޓް ސައިޒްކުރުމުގެ ބޮޑު އިސްލާހީ މަސައްކަތެއް ފަށާފައިވާކަމަށް ފެނަކައިން ވަނީ ކުރިން ބުނެފައެވެ. މި ބަދަލު ގެންނަން ޖެހުނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މަސައްކަތެއް ނެތް 8،000 އެއްހާ މުވައްޒަފުން ތިބެ، ކުންފުންޏަށް މާލީ ބޮޑެތި ބުރަތަކެއް އުފުލަން ޖެހުމުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައިޓް ސައިޒްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް 4 މަހުގެ މުސާރައިގެ އިނާޔަތެއް ލިބޭ ސްކީމެއް ތައާރަފުކުރުމާއި، އެކި ބްރާންޗުތަކުން މަގާމުތައް އުނިކޮށް މުވައްޒަފުން ވަކިކުރުން ހިމެނެއެވެ. މީގެއިތުރުން ހުރިހާ ވައްތަރެއްގެ ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލުމާއި، ކުށުގެ ރެކޯޑު ސާފުކުރުމުގެ އިތުރުން ރަށްރަށުގެ އާބާދީއަށާއި ކަސްޓަމަރުންގެ ނިސްބަތަށް ބަލައި މުވައްޒަފުންގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފައެވެ.
މި ބަދަލުތަކާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށް، މުޒާހަރާކޮށް ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅަމުންދިޔަ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!