ފަލަސްތީނުގެ އެކްޓިވިސްޓް ރާވާ އަލްސަޣީރާއި 'މަސާރު ބަދީލް' ހަރަކާތާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، ޓެރަރިޒަމްގެ ލިސްޓުގައި ހިމެނުމާ ގުޅިގެން، ބްރެޒިލް އަދި ލެޓިން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ އެއްބާރުލުން އިތުރުވާން ފަށައިފިއެވެ.

އެކްޓިވިސްޓުން ބުނަމުންދަނީ އެމެރިކާގެ މި ނިންމުމަކީ ފަލަސްތީނުގެ ހައްގުގައި ކުރެވޭ ސިޔާސީ މަސައްކަތްތަކާއި އެއްބާރުލުން ދިނުމުގެ ހަރަކާތްތައް ކުށްވެރިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

Ad
rt

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރި ގޮތުގައި، 'ފަލަސްތީނިއަން އަލްޓަނޭޓިވް ރެވޮލިއުޝަނަރީ ޕާތު މޫވްމަންޓް' ގެ ނަމުންވެސް ނަންދެވިފައިވާ 'މަސާރު ބަދީލް' ވަނީ އެމެރިކާގެ އެގްޒެކެޓިވް އޯޑަރު 13224 ގެ ދަށުން ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ހިމަނާފައެވެ. އަދި ބްރެޒިލްގައި ދިރިއުޅޭ ފަލަސްތީނުގެ އެކްޓިވިސްޓް ރާވާ އަލްސަޣީރާއި ޖަރުމަނުގައި ދިރިއުޅޭ ޒައިދު އަބްދުއްނާސިރު ވަނީ މަސާރު ބަދީލްގެ އިސްވެރިންގެ ގޮތުގައި ކަނޑައަޅައި، މި ލިސްޓުގައި ހިމަނާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މަސާރު ބަދީލްއަކީ، 2024 ވަނަ އަހަރު އެމެރިކާއިން ފިޔަވަޅު އަޅާފައިވާ 'ސާމިދޫން ފަލަސްތީނިއަން ޕްރިޒަނަރ ސޮލިޑާރިޓީ ނެޓްވަރކް' ގެ ނިވާފަތްގަނޑެއްގެ ގޮތުގައި ހިންގާ ޖަމާއަތެކެވެ.

އެމެރިކާގެ ޓްރެޜަރީން ބުނެފައިވަނީ، މަސާރު ބަދީލްއާއި ސާމިދޫން ނެޓްވަރކުން ފައިސާ ހޯދުމުގެ ނިޒާމުތަކާއި އިސްވެރިން ހިއްސާކުރާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ދަށުން، ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އެމެރިކާގައި ހުރި ނުވަތަ އެމެރިކާގެ ރައްޔިތުންގެ ބެލުމުގެ ދަށުގައިވާ ކޮންމެ މުދަލަކާއި މާލީ މަންފާއެއް ހިފަހައްޓައި، ޓްރެޜަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލަށް ރިޕޯޓްކުރަންޖެހެއެވެ. އަދި އެމެރިކާގެ ރައްޔިތުން މިފަދަ ފަރާތްތަކާއެކު މާލީ އަދި ވިޔަފާރީގެ މުއާމަލާތްކުރުން މަނާވާނެއެވެ.

މި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ރާވާ އަލްސަޣީރު ބުނީ، އޭނާއަށް މި ނިންމުން އެނގުނީ މުޅި ހަރަކާތް މި ލިސްޓުގައި ހިމެނުމުން ކަމަށެވެ. އަދި އެކަން އެނގުމުން ތިން ދުވަސް ވަންދެން ހެވުނު ކަމަށްވެސް އޭނާ ބުންޏެވެ. އަލްސަޣީރު ގަބޫލުކުރާ ގޮތުގައި އެމެރިކާ ސަރުކާރުން އޭނާއަށް އަމާޒުކުރުމަކީ ބިރުގަންނަވާލަން ކުރި ކަމެއްގެ ބަދަލުގައި، ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެމެރިކާގެ ސަމާލުކަން ލިބެމުންދާކަމުގެ ނިޝާނެކެވެ.

"އެމެރިކާ ސަރުކާރުގެ އަމާޒަކަށްވެ، މިފަދަ ލިސްޓެއްގައި ހިމެނޭ މިންވަރަށް އަދި އަހަރެންގެ މަސައްކަތުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަލްސަޣީރު ބުންޏެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ބްރެޒިލްގައި އޭނާ އުޅެމުންދާ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަލްސަޣީރު އިތުރަށް ބުނެފައިވަނީ، މި ފިޔަވަޅަކީ ބްރެޒިލްގައި ފަލަސްތީނުގެ އަޑު އިއްވުން ހުއްޓުވައި، އެކްޓިވިސްޓުން ބިރުގަންނަވައި ހިމޭންކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، ޣައްޒާއާއި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، 1948 ވަނަ އަހަރުން ފެށިގެން ގެދޮރުން ނެރެލެވިފައިވާ ފަލަސްތީނު ރައްޔިތުން ކުރަމުންދާ ބޮޑެތި ގުރުބާނީތަކާ އަޅާބަލާއިރު، އެކްޓިވިސްޓުން ކުރާ މަސައްކަތަކީ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ނިންމުމާއެކު ބްރެޒިލް އަދި ލެޓިން އެމެރިކާގެ ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ "ރެސިސްޓެންސް އިޒް ނޮޓް އަ ކްރައިމް" (ހައްގުގައި ކުރާ އިހުތިޖާޖަކީ ކުށެއް ނޫން) އަދި ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް ކުށްވެރިކުރުމާ ދެކޮޅަށް އަޑުއުފުލައި، އަލްސަޣީރާއި މަސާރު ބަދީލްއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަލްސަޣީރު ބުނި ގޮތުގައި އެމެރިކާއިން ކޮންމެ ނަމެއް ކީކަމުގައި ވިޔަސް، ކަނޑުން ފެށިގެން ކަނޑަށް ފަލަސްތީނު މިނިވަންވެ، ކާމިޔާބީ ލިބެންދެން އެމީހުންގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ.