ޞިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން، އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތައް ށ އަތޮޅުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އެ ވުޒާރާއިން "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެކަމަށް ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.
މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދާނީ، 19 ސެޕްޓެންބަރުގައި ފޯކައިދޫ، 20 ސެޕްޓެންބަރުގައި ގޮއިދޫ އަދި ކަނޑިތީމު، 21 ސެޕްޓެންބަރުގައި ފީވައް އަދި މިލަންދޫ، 22 ސެޕްޓެންބަރުގައި ފޭދޫ އަދި ފުނަދޫ، 23 ސެޕްޓެމްބަރުގައި މާއުނގޫދޫ އަދި ކޮމަންޑޫ އަދި 24 ސެޕްޓެމްބަރުގައި ޅައިމަގުގައެވެ.
މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެއެވެ.
މި މަޝްރޫއުގެ މުހިންމު ނަތީޖާއަކަށް ވެގެންދާނީ އަންހެން ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އުފެދި، އަތޮޅުގެ އަންހެނުން ހިންގާ ވިޔަފާރިތަކާއި އިޤްތިސާދީ މަސައްކަތްތަކުގެ ފުރިހަމަ މެޕިންގްއެއް އެކުލަވާލެވުންކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެއިތުރުން މި މެޕިންގްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަންހެނުންގެ ވިޔަފާރިތައް ކުރިއަރުވައި ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތަކާއި، ނެޓްވޯކިންގ ފުރުޞަތުތައް އަދި ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މިއީ މި މަޝްރޫޢުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ. އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.
އިޤްތިޞާދީ އަދި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތުކަން ދެއްވާކަމެކެވެ. އަދި މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާ މުޙިއްމު އެއް އަމާޒެވެ.
އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވަށްޓަކައި، ބާއްވާ މި މަޝްވަރާ ބައްދަލުވުމުގައި ރަޖިސްޓްރީވެލެއްވުމަށް، އެ ވުޒާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް ފުރިހަމަ ކޮއްދެއްވުމަށް އެ ފަރާތުން އެދިލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!