ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ އާންމުބަލިތަކުގެ ޑޮކްޓަރުންނަށް ދައްކާ އުސޫލަށް ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަވާނޭހެން ބަދަލުގެނެސްފިއެވެ.
އާންމުބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އުޞޫލަށް ގެނެވުނު ބަދަލުތަކާގުޅިގެން ބަލިމީހުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ވަރަށް ތަފްޞީލްކޮށް ކޭއާރްއެޗްގެ ރަސްމީ ފޭސްބުކްޕޭޖުގައި އާއްމުކޮށްފައިވާއިރު، އެ ގޮތުން އެ ހޮސްޕިޓަލުން އިރުޝާދުދީފައިވާ ގޮތުގައި، އާންމުބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް އެދޭ ފަރާތްތަކުން އެންމެ ފުރަތަމަ ފުނަ ވިންގްގައި ބެހެއްޓިފައި ހުރި ޑިސްޕެންސަރުން، ޓްރިއޭޖް މެމޯއެއް ނަގަންޖެހެއެވެ. އަދި އެއަށްފަހު، ދޫކޮއްފައިވާ ކިޔު ނަންބަރު ޖެހެންދެން ކިޔުގައި މަޑުކުރަން ޖެހޭނެއެވެ. ޓްރިއޭޖް ވުމަށްފަހު، ބަލިމީހާގެ ޙާލަތަށް ބަލައި، ފެހި ނުވަަތަ ރީންދޫ ކުލައިގެ ކާޑެއް ދޫކުރާނެއެވެ.
ޓްރިއޭޖްވުމަށްފަހު، ފެހިކުލައިގެ ކާޑު ލިބޭ ފަރާތްތަކުން، ރިސެޕްޝަންގެ މައިކައުންޓަރަށް ދިޔުމުން، ކިޔުގައި މަޑުކުރުމެއްނެތި އާއްމުބަލީގެ ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެއްދޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
މީގެއިތުރުން ރީންދޫކުލައިގެ ކާޑު ލިބޭ ޙާލަތްތަކުގައި ބަލިމީހާ އެމަޖެންސީރޫމާ ހަމައަށް ގެންދިޔުމުގެ އެހީތެރިކަން ހޮސްޕިޓަލްގެ މުވަައްޒަފުން ފޯރުކޮށްދޭނެއެވެ.
ޓްރިއޭޖް ނިޒާމަކީ ބަލިމީހާގެ ބަލީގެ ޙާލަތަށާއި ފަރުވާއަށް ބޭނުންވާ އަވަސްމިނަށް ބަލައި، އިސްކަންދޭންޖެހޭ މިންވަރު ކަނޑައެޅުމަށް ބޭނުން ކުރާ ނިޒާމެކެވެ.
ކޭއާރްއެޗުން މަޢުލޫމާތުދޭ ގޮތުގައި، މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ވަގުތުން ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުން ދެނެގަތުމާއި، ޙާލު ބޮޑު ބަލިމީހުން ފަރުވާ އިންތިޒާރު ކުރުވަންޖެހޭ ވަގުތު ކުޑަކުރުމާއި، ގަޑިއަށް ފަރުވާދީގެން ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމުގެ އިތުރުން ކުއްލި ފަރުވާ ދޭ ބަލިތަކާއި އޯޕީޑީ، ތަރުތީބު ނިޒާމީ ގޮތެއްގައި ހަމަޖެއްސުމެވެ.
ކޮންމެ ޓްރިއާޖް ވަޒަންކުރުމެއްގެ ފަހަތުގައިވަނީ، ބަލިމީހުންގެ ރައްކާތެރިކަމަށާއި، ވަގުތުން ފަރުވާ ދިނުމަށާއި، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާ ޓީމެއްކަމުގައި، ކޭއާރްއެޗުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!