ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ، އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ.

Ad
rt

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް އޮންނާނީ، 2026 ސެޕްޓެމްބަރ 22 އިން 24 އަށް، ފުނަދޫގައެވެ.

އެ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަކީ މި ޕްރޮގްރާމްގެ އެއް އަމާޒުކަމުގައިވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތުތައް ޙިއްޞާކުރައްވަމުން އެ ވުޒާރާއިން ބުނެފައިވަނީ، ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެކަމަށެވެ. މީގެއިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ޤައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށްކަމަށް ވެސް ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ތިލަދުންއަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ އަންހެން ކަނބަލުން، ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ރަސްމީ ފޭސްބުކް ޕޭޖްގައިވާ ރެޖިސްޓްރޭޝަން ލިންކް ފުރިހަމަކޮށްދެއްވުމަށް އެ ވުޒާރާއިން އެދިފައިވެއެވެ

މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭނެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި އދ. މަހިބަދޫގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.