ހދ. ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު ސާރވޭކޮށް، ޑިޒައިންކުރުމުގެ އިތުރުން ޑީޓެއިލްޑް ޑްރޯވިންގތައް ތައްޔާރުކުރުމުގެ މަސައްކަތް "ޝެރެޓް ސްޓޫޑިއޯ"އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ އިބްރާހީމެވެ. އަދި ޝެރެޓް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިޔާއެވެ.
ޖުމްލަ 162,000 ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، އުތުރު ރާޅުގަނޑު ސަރަޙައްދު އާންމުންނާއި ފަތުރުވެރިންނަށް ބޭނުންކުރެވޭނެހެން އެންމެ ފުރިހަމައަށް ތަރައްޤީކުރުމަށްޓަކައި ހަދަންޖެހޭ ތިމާވެށީގެ އަދި ސައިޓް ސާރވޭތައް ހަދައި، އެކަމަށް އެކަށީގެންވާ ޒަމާނީ ޑިޒައިންތަކާއި ބްލޫޕްރިންޓްތައް ތައްޔާރުކުރެވިގެންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި މަޝްރޫޢަކީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފައިދާއަށްޓަކައި އެ ސަރަޙައްދު ތަރައްޤީކުރުމަށް ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ މަރުޙަލާއެވެ. އަދި ޑިޒައިނިންގ މަސައްކަތްތައް ނިމުމާއެކު، އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އިޢުލާން ކުރެވިގެންދާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި ޓީ-ޖެޓީއެއް އެޅުމުގެ ސާރވޭއާއި، ޑިޒައިނިންގ މަސައްކަތް ކައުންސިލުން ހަވާލުކޮށްފައި ވަނީ ޝެރެޓް ސްޓޫޑިއޯއާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އަގަކީ ދެލައްކަ ސޯޅަ ހާސް ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!