ށ.ބިލެތްފަހީ ބަނދަރު ހިތްފަސޭހަތަނަކަށް ހެދުމަށް މާގަސް ޕޮޓް ބެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ރަށު ކައުންސިލުން އިންތިޒާމްކޮއްފައިވާ މި ހަރަކާތަކީ ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުންނާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ބަނދަރަށް އައިސް އުޅޭ ކުދި ބޮޑު އެންމެންނަށް އެ ތަނަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
ސިމެންތިން ހަދާފައި ހުރި ބޮޑެތި މި ޕޮޓްތަކުގައި ތަފާތު އެކި ކުލަކުލައިގެ މަލިކުރުވާ މާގަސް އިންދާފައިވެއެވެ. މި ޕޮޓްތައް ބަހައްޓާފައި ވަނީ، އެ ރަށު ޖެޓީ ސަރަޙައްދުގައެވެ. މިއީ ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއްކަން ގައިމެވެ.
ބިލެތްފަހީ ބަނދަރުގައި މާގަސް އިންދާ ޕޮޓް ބަހައްޓައި މާގަސް އިންދަނީ، ފޮޓޯ: ބިލެތްފަހީ ކައުންސިލް
މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެއްވި ބިލެތްފަހީ ފެނަކަ ބްރާންޗަށާއި، ކައުންސިލްގެ އެންމެހައި މުވައްޒަފުންނާއި އަދި މިކަމުގައި އެހީތެރިކަން ފޯރިކޮށްދެއްވި އެންމެހައި ފަރާތްތަކަށް ކައުންސިލުންވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!