ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެނެއްގެ ސިކުނޑިއަށް ލޭއެޅި، ބޮލުގެ އޮޕަރޭޝަނަކަށް ފަހު ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައި ވަނީ އޯގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 ހާއިރުއެވެ. މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ، އެކްސިޑެންޓުގައި އަނިޔާވި މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވާ ކަމަށެވެ. އެއާއެކު، އޯގަސްޓް 31 ވަނަ ދުވަހު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، މިހާރު އޭނާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އިތުރު އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖަކުވެސް ވަނީ ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!