ހދ.ހަނިމާދޫ ކައުންސިލުން، ހަނިމާދޫ ސްކޫލުގެ ދުވަހީ މަސައްކަތްތަކާއި އެކި ކަންކަމުގައި ބޭނުން ކުރުމަށްޓަކައި އެސްކޫލަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ހަދިޔާކޮށްފިއެވެ.

އިއްޔެ ހަނިމާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިޔާތެއްގައި މި އުޅަނދު ސްކޫލާ ޙަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ މެމްބަރުންނެވެ. ހަނިމާދޫ ސްކޫލުން މި އުޅަނދާ ޙަވާލުވެލެއްވީ އެ ސްކޫލްގެ އިސްވެރިންނެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕިކަޕަކީ ސްކޫލުގެ ތަފާތު އިދާރީ މަސައްކަތްތަކަށާއި، އިތުރު ހަރަކާތްތަކަށް ބޭނުންވާ ތަކެތި އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހަދިޔާކުރެވުނު އުޅަނދެކެވެ.

މި އުޅަނދު ލިބުމާ ގުޅިގެން، ސްކޫލުން ބާއްވާ ތަފާތު ހަރަކާތްތަކަށް ބޭނުންވާ ސާމާނު ރައްކާތެރިކަމާއެކު އުފުލުމަށް މި ޕިކަޕުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހަނިމާދޫ ސްކޫލުން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި، ސްކޫލުގެ ތަރައްޤީއަށާއި ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ހަނިމާދޫ ކައުންސިލުން ދެއްވާ އެއްބާރުލުމާއި، ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި، ކައުންސިލުގެ މެންބަރުންނަށާއި އިދާރީ މުވައްޒަފުންނަށް ސްކޫލްގެ ފަރާތުން ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން، ހަނިމާދޫ ކައުންސިލުން އަބަދުވެސް، ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށާއި، ސްކޫލަށް ބޭނުންވާ އެކި ފުރުސަތުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދެއްވާކަމުގައި އެ ސްކޫލުން ފާހަގަ ކޮއްފައިވެއެވެ.