ށ. ކޮމަންޑޫ އަދި އެ އަތޮޅު ފީވަކުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އެ ދެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން، ފީވަކު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮއްފައިވާ ގޮތުގައި، 27 އޯގަސްޓް 2026ވަނަ ދުވަހުގެ ރޭ އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
ހަމައެފަދައިން 31 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ކޮމަންޑޫ ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، ކޮމަންޑޫ ކައުންސިލުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އަދި މިކަން މި ކައުންސިލްތަކުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައި ބުނެފައިވެއެވެ.
މި ކައުންސިލްތަކުންވަނީ އެއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮއްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެއްކަމުގައި ތުހުމަތުކޮށްފައެވެ.
މި ދެރަށު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުންފާޅުކޮށްފައިވާއިރު، އެ އަތޮޅު ފޯކައިދޫން ވެސް ފެނަކަ ބްރާންޗުން 14 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެ ބްރާންޗްގެ ވެރިން ޖަވާބުދާރީވުމަށް ގޮވާލައި އިއްޔެ ވަނީ އެރަށު ބަޔަކު ފެނަކަ ބްރާންޗްދޮށަށް އެއްވެ އިހްތިޖާޖުވެސް ކޮށްފައެވެ.
ޕީސީބީ އާއި ސަރުކާރުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް ރައިޓް ސައިޒްކުރުމުގެ އިސްލާހީ މަސައްކަތެއް ފަށާފައިވާކަމަށް ފެނަކައިން ވަނީ ކުރިން ބުނެފައެވެ. މި ބަދަލު ގެންނަން ޖެހުނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މަސައްކަތެއް ނެތް 8،000 އެއްހާ މުވައްޒަފުން ތިބެ، ކުންފުންޏަށް މާލީ ބޮޑެތި ބުރަތަކެއް އުފުލަން ޖެހުމުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައިޓް ސައިޒްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް 4 މަހުގެ މުސާރައިގެ އިނާޔަތެއް ލިބޭ ސްކީމެއް ތައާރަފުކުރުމާއި، އެކި ބްރާންޗުތަކުން މަގާމުތައް އުނިކޮށް މުވައްޒަފުން ވަކިކުރުން ހިމެނެއެވެ. މީގެއިތުރުން ހުރިހާ ވައްތަރެއްގެ ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލުމާއި، ކުށުގެ ރެކޯޑު ސާފުކުރުމުގެ އިތުރުން ރަށްރަށުގެ އާބާދީއަށާއި ކަސްޓަމަރުންގެ ނިސްބަތަށް ބަލައި މުވައްޒަފުންގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފައެވެ.
މި ބަދަލުތަކާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށް، މުޒާހަރާކޮށް ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅަމުންދިޔަ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
30 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ ށ.ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުން ދިޔަ 13 މުވައްޒަފަކު ވެސް ވަނީ އެއްވެސް އިންޒާރަކާނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮއްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!