ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދާފައިވަނީ އެހެން ރަށްރަށުގެ މީހުންގެ ނަން އާބާދީގައި ހިމަނައިގެން އޮޅުވާލައިގެން ކަމަށާއި އެހެންވެ, އެ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ޖިނާއީ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ މަދުވެގެން 10,000 މީހުންގެ އާބާދީ ހަމަވާނަމަ އެވެ.

Ad
rt

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނިގޮތުގައި ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި, ތިނަދޫގައި 10،000 މީހުންގެ އާބާދީ އޮތްކަން ދެއްކުމަށްޓަކައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން ސައުދު ސިޓީ ފޮނުވާފައިވެ އެވެ.

އެ މައްސަލާގައި ސައުދުގެ މައްޗަށް ކުރީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަން ފޮނުވީ ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑް ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނައިރު, ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އޭރުން މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.