ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން، ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަށް ބިއްލޫރި ފުޅި ހަދިޔާ ކޮއްފިއެވެ.
އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ޖުމްލަ 168 ބިއްލޫރި ފުޅި ވަނީ ހަދިޔާކޮށްފައެވެ.
މި އެހީތެރިކަމަށްޓަކައި، ހަނިމާދޫ އަންހެނުންގެ ކޮމެޓީއާއި ހަނިމާދޫ ކައުންސިލުން ވަނީ ކުރިމަގު ޖަމިއްޔާއިން ޝުކުރުއަދާކޮށްފައެވެ.
މިއީ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ "ޕްލާސްޓިކާ ނުލައި" ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމެކެވެ.
މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ "ވޮސް" (VOSS) ބްރޭންޑުގެ ބިއްލޫރިފުޅި ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
ކުރިމަގު ޖަމިއްޔާއަކީ މުޅި ރާއްޖޭގައި ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޖަމިއްޔާއިން ވަނީ 85,000 އަށްވުރެ ގިނަ ބިއްލޫރިފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!