ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން، މަޝްވަރާތަކާއި ސުލްޙައިގެ މަސައްކަތްތަކާ ބެހޭ ޚާރިޖީ ވަޒީރުގެ މުޝީރު އަދި ޚާއްޞަ މަންދޫބުގެ މަޤާމަށް މަނާލް ޙަސަން ރަޟްވާން ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ތަޖުރިބާކާރު ޑިޕްލޮމެޓް މަނާލް ރަޟްވާން ހަމަޖައްސާފައި މިވަނީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިން ހަރަކާތްތެރި ޑިޕްލޮމެޓިކް ދައުރެއް އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ. މަނާލްއަކީ ޑިޕްލޮމަސީ، ބައިނަލްއަޤްވާމީ މަޝްވަރާތައް، ހަމަނުޖެހުންތައް ޙައްލުކުރުން އަދި މަލްޓިލެޓަރަލް ކަންކަމުގައި ފުޅާ ދާއިރާއެއްގައި ތަޖުރިބާ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

Ad
rt

މި މަޤާމަށް ޢައްޔަންކުރުމުގެ ކުރިން މަނާލް ހުންނެވީ ސަޢޫދީ ޚާރިޖީ ވުޒާރާގެ މިނިސްޓަރ ޕްލެނިޕޮޓެންޝަރީގެ މަޤާމުގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ ވުޒާރާގެ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވިއިރު، އެފްރިކާގެ ކަންކަމާ ބެހޭ ސްޓޭޓް މިނިސްޓަރުގެ އޮފީހުގެ މުޝީރެއްގެ ގޮތުގައްޔާއި، 2021 ވަނަ އަހަރުން ފެށިގެން ޚާރިޖީ ވަޒީރުގެ އޮފީހުގެ މުޝީރެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.

މީގެއިތުރުން، 2012 އިން 2017 އަށް ނިއުޔޯކުގައި ހުންނަ އދ. ގެ ސަޢޫދީ މިޝަންގައްޔާއި، ޤާހިރާގައި ހުންނަ ޢަރަބި ލީގުގެ މިޝަން އަދި ވޮޝިންޓަންގައި ހުންނަ ސަޢޫދީ އެމްބަސީގައި ކޮންގްރެޝަނަލް އަދި ސިޔާސީ ކަންކަމުގައި އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ސަޢޫދީން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

މަނާލް ވަނީ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ، އަދި ޖޯޖް މޭސަން ޔުނިވަރސިޓީން ޕީސް ސްޓަޑީޒް އެންޑް ކޮންފްލިކްޓް ރިޒޮލިއުޝަންގެ ދާއިރާއިން މާސްޓަރސް އަދި ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. އަދި ޤާހިރާގެ އެމެރިކަން ޔުނިވަރސިޓީން އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ލޯގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލުކުރައްވާފައިވެއެވެ.