ޖަޕާން ސަރުކާރުގެ 'ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް' (ޖޭޑީއެސް) ގެ ދަށުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ސްކޯލަރޝިޕްތަކާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.
މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 152 މިލިޔަން ޖަޕަނީސް ޔެން، ނުވަތަ ގާތްގަނޑަކަށް އެއް މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް ޖަޕާނުގެ ތިން ޔުނިވަރސިޓީއަކުން މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އެގޮތުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި އެންވަޔަރަމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ޖޭޑީއެސް ޕްރޮގްރާމްގެ ދަށުން މިހާރުވެސް ނުވަ ދަރިވަރަކު އަންނަނީ ޖަޕާނުގައި ތައުލީމު ހާސިލުކުރަމުންނެވެ. އަދި މީގެ ކުރިން މި ސްކޮލަރޝިޕްތަކުގައި ކިޔެވުން ފުރިހަމަކުރި ފަރާތްތަކުން މިހާރުވެސް އަންނަނީ ސަރުކާރުގެ އެކި އޮފީސްތަކުގައި ޚިދުމަތް ކުރަމުންނެވެ.
ޖޭޑީއެސް ޕްރޮގްރާމަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ދައުލަތުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ތަރައްޤީކޮށް ސިވިލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!