ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހދ. ހަނިމާދޫ، ހއ. ހޯރަފުށި އަދި ށ. މިލަންދޫއަށް އައު ޖަނަރޭޓަރު ސެޓުތަކެއް ފޮނުވައިފިއެވެ.
ފެނަކައިން މައުލޫމާތު ދިން ގޮތުގައި، ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށަށް ވަނީ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. މިއާއެކު، ކުރިން 3500 ކިލޯވޮޓުގައި ހުރި އެ ރަށު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން، މި ޖެންސެޓް ބޭނުންކުރަން ފެށުމުން 4400 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މީގެއިތުރުން ހއ. ހޯރަފުށީގެ ކަރަންޓު ޚިދުމަތް ރަނގަޅުކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އެ ރަށަށް ވަނީ 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ފޮނުވާފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީއަކީ 2720 ކިލޯވޮޓެވެ. ނަމަވެސް، މި ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 3350 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ހަމައެއާއެކު، ށ. މިލަންދޫގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް 1200 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށްވެސް މިހާރު ވަނީ ގެންގޮސްފައެވެ. ކުރިން 2100 ކިލޯވޮޓްގެ ކެޕޭސިޓީއެއް ހުރި މިލަންދޫ އިންޖީނުގެއަށް މި އައު ޖެންސެޓް ގުޅާލުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!