އެމެރިކާއިން އީރާނާ ދެކޮޅަށް އަޅަމުންދާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުންދޭ ކޮންމެ ޤައުމަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
މީގެ އިތުރުން އެ ޤައުމުގެ ވިޔަފާރި ބައިވެރިން އެމެރިކާގެ ބިރުދެއްކުންތަކަށް ބޯނުލަނބާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައިވާ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެހެރާނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މާލީ ފިއްތުންތަކުގެ ކެމްޕޭން، "އިކޮނޮމިކް ޑީ-ޑޭ" ގެ ގޮތުގައި އިޢުލާނު ކުރައްވާފައެވެ.
ވޮޝިންގޓަނުން ވަނީ އީރާނަށް އެހީތެރިވާ ކޮންމެ ތިންވަނަ ޤައުމަކަށް، މާލީ އިދާރާއަކަށް ނުވަތަ ވިޔަފާރި މަރުކަޒަކަށް އެމެރިކާގެ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވިޔަފާރީގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ އަދި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލުން ވިދާޅުވީ، ވޮޝިންގޓަންގެ މި ފިޔަވަޅުތަކަށް ތަބާވާ ކޮންމެ ޤައުމަކީ "ހަނގުރާމައިގެ ޢަމަލެއް" ނުވަތަ ދެކޮޅުވެރިކަމެއް ފެށި ޤައުމެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި އީރާނުގެ އިސް އޮފިޝަލެއް ކަމަށްވާ މުޙްސިން ރިޟާއީ ވަނީ، އެމެރިކާގެ މި ކެމްޕޭނަށް އެހީތެރިވާ ޤައުމުތަކުގެ އިޤްތިޞާދީ އަދި ސްޓްރެޓެޖިކް މަޞްލަޙަތުތަކަށް އީރާނުން އަމާޒުކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
އީރާނުން ބުނެފައިވަނީ އެމެރިކާގެ މި ފިޔަވަޅަކީ މިނިވަން މުސްތަޤިއްލު ދައުލަތްތަކުގެ މައްޗަށް ބާރު ފޯރުވުމަށް ޤާނޫނާ ޚިލާފަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޚާއްޞަކޮށް ޗައިނާ ފަދަ މުހިންމު ވިޔަފާރި ބައިވެރިން، އެމެރިކާގެ އިންޒާރުތަކަށް ބޯނުލަނބާނެ ކަމަށާއި އެއްފަރާތްފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އީރާނުން ފާހަގަކުރިއެވެ.
ޗައިނާއިންވެސް ވަނީ ވޮޝިންގޓަންގެ މި ނިންމުން ކުށްވެރިކޮށް، އެއްފަރާތްފަރާތުން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މައްސަލަތައް ޙައްލުނުވާނެ ކަމަށާއި، މިކަމުގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން އިތުރުވާނެ ކަމަށް ބުނެފައެވެ. ޗައިނާއަކީ އީރާނުގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓްކުރާ މައި މާކެޓެވެ.
މި ނުތަނަވަސްކަން އުފެދިފައި މިވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށާއި ތެޔޮ ޓޭންކަރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުތަނަވަސްކަން ވެރިވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!