އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ.

Ad
rt

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވުމަށް ފަހު، އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަދި އޭނާއާ މެދު އާންމުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް މަޖިލީހުން މިއަދު ވަނީ 6 ގަޑިއިރުގެ ވަގުތެއް ދީފައެވެ.

މިވަގުތު ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވިޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އައްޔަންކުރި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އެ މަގާމަށް އޭނާ ފުރަތަމަ އައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އަދި އެ މަގާމުގެ ދައުރު ހަމަވެގެން ވަކިވެވަޑައިގަތީ 22 ޖުލައި 2019 ގައެވެ.

ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ، އަދި ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހުގެ ދާއިރާއިން ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 13 ޖުލައި 2014 ގައި އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔަކީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން ބޭފުޅެކެވެ.